އައިޖީއެމްއެޗްގެ އިހުމާލުން އަށް މަހުގެ ތުއްތު ކުއްޖަކު ނިޔާވި ކަމަށް އެ ކުއްޖާގެ އާއިލާއިން ކުރާ ތުހުމަތާ ގުޅިގެން، އެ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް އައިޖީއެމްއެޗް އިން މިއަދު ބުނެފިއެވެ.
އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، އެ ކުއްޖާގެ ބަލީގެ ހާލަތު ހުރި ގޮތުން ކުޑަކުދިންގެ ޑޮކްޓަރުންގެ ޓީމުން ދިޔައީ ގާތުން މޮނިޓަރކޮށް، އެ ވަގުތު ދެވެން ހުރި ހުރިހާ ފަރުވާއެއް ދެމުންނެވެ. މީގެ ތެރޭގައި ލޭގެ ތަހުލީލުތަކާއި އެހެނިހެން ތަހުލީލުތައް ކުރުމާއި، ފަރުވާއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން ހިމެނެއެވެ.
އައިޖީއެމްއެޗްގެ ރެކޯޑްތަކުން ދައްކާ ގޮތުގައި މެޑިކަލް އޮފިސަރުގެ އިތުރުން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން ވޯޑުތަކަށް ޒިޔާރަތްކޮށް، ހަމަޖެހިފައިވާ އުސޫލުން ކޮންމެ ދުވަހަކު ވެސް ކުއްޖާ ބަލާފައިވެއެވެ. އަދި "އައިސީޔޫގައި ފަރުވާ ދޭންޖެހޭ ކަމަށް ޑޮކްޓަރުން ލަފާދެއްވައިފިނަމަ އެކަން ހަމަޖެއްސެވުމަށް ޑޮކްޓަރުންގެ ޓީމުން މަސައްކަތް ކުރާ" ކަމަށް ހޮސްޕިޓަލުން ބުނެފައިވެއެވެ.

ހޮސްޕިޓަލުން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ތުއްތު ކުދިންނަށް ޖެހޭ ހުމެއް ނުވަތަ އިންފެކްޝަނަކާ ގުޅިގެން ދިމާވާ ބައެއް ނުރައްކާތެރި ހާލަތްތަކަކީ ފުރާނައަށް ވެސް ގެއްލުން ވެދާނެ އަދި ސިއްހީ ފަރުވާގައި ދުރާލާ ދެނެގަންނަން އުނދަގޫ ކަންކަމެވެ. މިފަދަ ހާލަތްތަކުގައި ކުއްލިއަކަށް ބަލިމީހާގެ ހާލަތު ނުރައްކާވުމަކީ އެކަށީގެންވާ ކަމެކެވެ.
އައިޖީއެމްއެޗުން އިތުރަށް ބުނެފައިވަނީ މިފަދަ ކޮންމެ ހާދިސާއެއް ދިމާވުމާއެކު ހޮސްޕިޓަލްގެ އެތެރޭގެ ތަހުގީގެއް ކުރެވި، ހިދުމަތާއި ފަރުވާ އިތުރަށް ރަނގަޅު ކުރެވިދާނެ ގޮތްތައް ދެނެގަނެވޭ ކަމަށެވެ. އަދި ބަލިމީހުންނާއި އާއިލާގެ ފަރާތުން ކުރާ ތަޖުރިބާ ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަނެ، އެ ކަންކަން އިސްލާހު ކުރާނެ ކަމުގެ ޔަގީންކަން ވެސް ދީފައިވެއެވެ.

