ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލްގައި ފަސިންޖަރުންނަށް ހިދުމަތް ދިނުމަށް ތިބޭނެ 300 މުވައްޒަފުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ. މިއީ އަންނަ މަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާ އާ ޓާމިނަލްގައި ހިދުމަތްދޭނެ މުވައްޒަފުން ތައްޔާރުކުރުމަށް އެމްއޭސީއެލްއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
އެމްއޭސީއެލްއިން މައުލޫމާތު ދެއްވި ގޮތުގައި މި ތަމްރީނު ޕްރޮގްރާމްގެ މަގްސަދަކީ ފަސިންޖަރުންނަށް ހިދުމަތްދޭ މުވައްޒަފުންނަކީ ހިނިތުންވުމާއި އޯގާތެރިކަމާއެކު ދިވެހީންގެ މެހެމާންދާރީ ދައްކުވައިދޭ، ގާބިލު ބަޔަކަށް ހެދުމެވެ. މި ތަމްރީނު ޕްރޮގްރާމް ކުރިއަށްދަނީ ދެ ބެޗަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން ފުރަތަމަ ބެޗުގައި 150 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވެ، އެ ބެޗު ނިމޭނީ އަންނަ މަހުގެ 9 ވަނަ ދުވަހުއެވެ.
މި ތަމްރީނު ޕްރޮގްރާމްގައި ކިޔަވައިދެއްވަނީ ރާއްޖޭގެ މަޝްހޫރު މޯޓިވޭޝަނަލް ސްޕީކަރު އަދި ކޯޗު މަސްއޫދު އަލީއެވެ. ފަސިންޖަރު ސާވިސްގެ ޑެޕިއުޓީ ޗީފް އޮފިސަރު އަލީ މުޝްތާގު ވިދާޅުވި ގޮތުގައި "އެއާޕޯޓުން ހިދުމަތް ހޯދާ ފަސިންޖަރުންނަށް ފުރިހަމަ ހިދުމަތެއް ދިނުމަކީ އަބަދުވެސް އެންމެ އިސްކަންދޭނެ ފުރަތަމަ ކަންތައް" އެވެ.

އާ ޓާމިނަލްގައި ފަސިންޖަރުންނަށް ހިދުމަތްދޭ 300 މުވައްޒފުންނަށް ހާއްސަ ތަމްރީންތަކެއް ފެށިގެން ކުރިއަށް ދަނީ – ފޮޓޯ:އެމްއޭސީއެލް
އެމްއޭސީއެލްގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ސެކްޝަންގެ ޖެނެރަލް މެނޭޖަރު މިސްބާހު އަހުމަދު ވިދާޅުވެފައިވަނީ ޖާގައިގެ ގޮތުން ތަނަވަސް އަދި ފުރިހަމަ ޓާމިނަލެއް ހުޅުވާއިރު، އެތަނުން ދެވޭ ހިދުމަތަކީވެސް މަތީ ފެންވަރުގެ ހިދުމަތްތަކަކަށް ވާންޖެހޭނެ ކަމަށެވެ. އަދި މި ތަމްރީނު ޕްރޮގްރާމުން އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކީ ހިތްހެޔޮކަމާއެކު ފަސިންޖަރުންނަށް މެހެމާންދާރީ އަދާކުރާނެ ބަޔަކަށް ހެދުމަށް މަގުފަހިވާނެ ކަމަށެވެ.
ރާއްޖޭގެ 60 ވަނަ މިނިވަންދުވަހާ ދިމާކޮށް ހުޅުވުމަށް ނިންމާފައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްއަކީ ޒަމާނީ ވަސީލަތްތަކާއެކު، މަތީ ފެންވަރުގެ ހިދުމަތްތައް ފޯރުކޮށްދޭނެ ތަނަވަސް ޓާމިނަލެއް ކަމުގައި ވާނެއެވެ. މި ވަގުތު ޓާމިނަލް ހުޅުވުމުގެ ތައްޔާރީތައް ދަނީ ކުރެވެމުންނެވެ.

