ދިވެހިރާއްޖެއާ ސިންގަޕޫރުއާ ދެމެދު ތިން ދާއިރާއަކުން ގުޅުން ބަދަހިކުރަން އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ މިއަދު ސިންގަޕޫރުގެ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއޯޔޫއެއްގައި ސޮއި ކުރައްވާފައެވެ.
މި ތިން އެމްއޯޔޫއަކީ ކެޕޭސިޓީ އިތުރުކުރުމުގެ ދާއިރާއިންނާއި ތިމާވެށީގެ ދާއިރާއިންނާއި މަތީ ތައުލީމާއި ތައުލީމީ ސިޔާސަތާއި ފަންނީ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެމްއޯޔޫތަކެކެވެ.
ކެޕޭސިޓީ ބިލްޑިން ދާއިރާ އިން އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއެވެ. ސިންގަޕޫރުގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރު ޑރ. ވިވިއަން ބަލަކްރިޝަނަންއެވެ.
ތިމާވެށީގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ޓޫރިޒަމް އެންޑް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމްއެވެ.

ސިންގަޕޫރުގެ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުގެ މިނިސްޓަރު އޮފް ސަސްޓެއިނަބިލިޓީ އެންޑް އެންވަޔްރަމަންޓް ގްރޭސް ފޫއެވެ.
މަތީ ތައުލީމާއި ތައުލީމީ ސިޔާސަތު އަދި ފަންނީ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.

ސިންގަޕޫރުގެ ފަރާތުން އެ އެމްއޯޔޫގައި ސޮއިކުރެއްވީ އެ ގައުމުގެ އައިޓީއީ އެޑިއުކޭޝަން ސާވިސްގެ ޗީފް އެގްޒެކެޓިވް ގޮ މޮންގް ސޮންގެވެ.

