ތައުލީމީ އަދި ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ދިމާވެފައިވާ އިތުރުގަޑީގެ ފައިސާ ނުލިބުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ގަރާރު، މަޖިލީހުން މިއަދު ބަލައިގަނެ، ދިރާސާކުރުމަށް ކޮމިޓީތަކަށް ފޮނުވައިފިއެވެ.
ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ހުށަހެޅުއްވި މި ގަރާރު ބަލައިގަތުމަށް މިއަދު ނެގުނު ވޯޓުގައި، ހާޒިރުވެ ތިއްބެވި 47 މެންބަރުން ވަނީ ތާއީދު ކުރައްވާފައެވެ. މި ގަރާރު ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ތަރިކައާ ބެހޭ ކޮމިޓީ އަދި އިޖުތިމާއީ ކޮމިޓީއަށް ވަނީ ފޮނުވާލެވިފައެވެ.
ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޕޭ ފްރޭމްވޯކްގެ ދަށުން އިތުރުގަޑީގެ ފައިސާ ދެވޭނެ އެންމެ މަތީ އަދަދަކީ މަހެއްގެ މައްޗަށް މުވައްޒަފުގެ އަސާސީ މުސާރައިގެ 10 ޕަސެންޓެވެ. ނަމަވެސް، ސިއްހީ ދާއިރާގައި މުވައްޒަފުން މަދުވުމުގެ ސަބަބުންނާއި، ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް ޖެހިފައިވާ ބުރަ މަސައްކަތުގެ ސަބަބުން، މި މުވައްޒަފުންނަށް އެއަށްވުރެ ގިނައިން އިތުރުގަޑީގައި މަސައްކަތް ކުރަން ޖެހެއެވެ.
މި ގަރާރުގެ މައިގަނޑު މަގްސަދަކީ، މި މައްސަލައިގައި އަދުލުވެރި މާހައުލެއް ގާއިމުކުރުމަށްޓަކައި އިތުރުގަޑީގެ ފައިސާ ދިނުމުގެ އުސޫލުތަކާ މެދު މެންބަރުންގެ ހިޔާލު ހޯދައި މަޝްވަރާކުރުމެވެ. އަދި މިހާރު އޮތް އިތުރުގަޑީގެ ފައިސާ ދިނުމުގެ އުސޫލުތައް މުރާޖާކޮށް، އެ ދާއިރާތަކުގެ މުވައްޒަފުންނަށް ހައްގުވާ ފައިސާ ލިބޭނެ ގޮތްތަކެއް ހަމަޖެއްސުމަށް މި ގަރާރުން ގޮވާލައެވެ.
ގަރާރުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، އިތުރުގަޑީގެ ސީލިންގަށް ވުރެ އިތުރަށް މަސައްކަތް ކުރަން ޖެހޭ ހާލަތްތަކުގައި، އިތުރުގަޑީގެ ފައިސާ ލިބިދެވޭނެ އިސްތިސްނާ އުސޫލެއް އޮތުމަކީ މުހިއްމު ކަމެކެވެ.

