ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ނިމިދިޔަ މޭ މަހު ބޭސްފަރުވާގެ ހަރަދުގެ ގޮތުގައި 14 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އެ އޭޖެންސީން ހާމަކޮށްފިއެވެ.
އެންސްޕާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މޭ މަހު ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް 3.9 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާއިރު، ރާއްޖޭގައި ފަރުވާ ހޯދުމަށް 10.3 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވެއެވެ. މިއާއެކު، މޭ މަހު ޖުމްލަ 14،236،810.51 ރުފިޔާ ބޭސްފަރުވާގެ ހަރަދުގެ ގޮތުގައި ހޭދަކޮށްފައިވެއެވެ.
2008 ވަނަ އަހަރުގެ އޯގަސްޓް 27 ގައި އުފެދުނު އެންސްޕާގެ މައިގަނޑު މަސްއޫލިއްޔަތަކީ ޤައުމީ އިޖްތިމާއީ ސިއްހީ އިންޝުއަރަންސް ސްކީމް ހިންގާ ބެލެހެއްޓުމާއި، އިޖްތިމާއީ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމްތައް ރާވާ ހިންގުމެވެ.
އެންސްޕާއިން މިހާރު ހިންގަމުންދާ އެހީގެ ޕްރޮގްރާމްތަކުގެ ތެރޭގައި ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމާއި، އެކަނިވެރި މައިންބަފައިންނަށް ދެވޭ އެހީގެ ޕްރޮގްރާމް، އަދި ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް ހިމެނެއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އިޚްތިޔާރުގެ ދަށުން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ވެސް އެންސްޕާއިން ކުރިއަށް ގެންދެއެވެ.

