ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ސިއްހަތު ރައްކާތެރިކުރުމަށާއި އެފަރާތްތަކަށް ދެވޭ ސިއްހީ ހިދުމަތްތައް ހަރުދަނާކުރުމަށް އެކުލަވާލެވިފައިވާ ސިޔާސަތު “ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ” މިއަދު ވަނީ ރަސްމީކޮށް އިފްތިތާހުކޮށްފައެވެ.
މީރުމާގޭގައި މިއަދު ހެނދުނު ބޭއްވުނު ރަސްމިއްޔާތުގައި މި ޕޮލިސީ އިފްތިތާހުކޮށްދެއްވީ ސިއްހީ ވުޒާރާގެ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައި.އޯ.އެމް) އިން އޭޝިއާ އަދި ޕެސިފިކް ސަރައްހަދަށް ކަނޑައަޅުއްވާފައިވާ މަންދޫބު ކަޓޯ އިއޯރީ އާއި އ.ދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެސިޑެންޓް ކޯޑިނޭޓަރ ހާއޯ ޒަންގް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ސިޔާސަތަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ސިއްހަތު ރައްކާތެރިކުރުމާއި، އެމީހުންނަށް ބޭނުންވާ ސިއްހީ ފަރުވާއާއި ހިދުމަތްތައް ފޯރުކޮށްދިނުމުގެ ކަންތައްތައް ހަރުދަނާކުރުމަށް އެކުލަވާލެވިފައިވާ ސިޔާސަތެކެވެ. މި ސިޔާސަތުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ބިދޭސީންގެ އާންމު ސިއްހަތު ހަރުދަނާކުރުމާއި، ސިއްހީ ގޮތުން ލިބެންޖެހޭ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުން ހިމެނެއެވެ.
މި ސިޔާސަތު އެކުލަވާލާފައިވަނީ ސަރަޙައްދީ ގައުމުތަކުގައި އަމަލުކުރަމުންދާ އުސޫލުތަކަށް ރިއާޔަތްކޮށް، ސިއްހީ ވުޒާރާ، އެޗް.ޕީ.އޭ އަދި އައި.އޯ.އެމް އާއި އެކު ކަމާގުޅޭ އެހެނިހެން މުއައްސަސާތަކުގެ މަޝްވަރާއާ އެކުގައެވެ. މި ސިޔާސަތު އެކުލަވާލުމުގައި އައި.އޯ.އެމް ޑިވެލޮޕްމަންޓް ފަންޑުން ވަނީ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މި ސިޔާސަތުގެ ދަށުން މަލްޓި ސެކްޓަރ ކޯޑިނޭޝަން މެކޭނިޒަމްއެއް މެދުވެރިކޮށް، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މެދުގައި ފެތުރޭ ބަލިތަކުގެ މިންވަރު ކުޑަކުރުމަށާއި، މައިގްރޭޝަން ސައިކަލްތަކުގެ ހުރިހާ މަރުހަލާއެއްގައި އެމީހުންގެ ސިއްހީ ހާލަތު ރަނގަޅުކުރުމަށް މަގުފަހިކުރެވޭނެއެވެ.

