މިދިޔަ ބުދަ ދުވަހު ކާށިދޫ ކަނޑަށް ބަންޑުން ޖަހައިލި، ސިފައިންގެ ވެލްފެއާ ކޮމްޕެނީ (ސިވެކް)ގެ ކޮޅުވެއްޓިން ގެއްލުނު ބިދޭސީ މީހާ އޮތީ މިހާރު، ކަނޑުއަޑީގެ 550 މީޓަރު ފުނުގައި އޮތް އެ ކޮޅުވެއްޓީގެ ވީލްހައުސް ތެރޭގައި ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ. އަދި އެތައް ހޯދުންތަކާއި މަސައްކަތަށްފަހު ގެއްލުނު ބިދޭސީ މީހާ، އޮތް ތަން މިހާރު އެނގުނު ނަމަވެސް ނެގޭ ގޮތް ވަނީ ނުވެފައެވެ.
ތިން ސިފައިންނާއި، ދެ ބިދޭސީންނާއެކު ދަތުރުކުރި ސިވެކްގެ “އެލްސީ 308” ބަންޑުން ޖަހައިލީ، މާލެއިން ޅ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް، އަތޮޅާ ފަސް މޭލު ކައިރި ވެފައި ވަނިކޮށެވެ. މި ހާދިސާގައި ސިފައިންގެ ވޮރަންޓް އޮފިސަރ ދޭއް، އަލީ ހާމިދު ނިޔާވެފައިވާއިރު، އޭނާގެ ހަށިގަނޑު ފެނިފައިވަނީ ވީލްހައުސް ތެރެއިން ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ބިދޭސީ މީހާ ހޯދަން ގިނަ މަސައްކަތްތަކެއް ކުރިއިރު، އެމްއެންޑީއެފުން މިއަދު ބުނީ ގެއްލުނު ބިދޭސީ ފަޅުވެރިޔާ، އޮތީ ކޮޅުވެއްޓީގެ އިންޖީނު ރޫމު ތެރޭކަން މިހާރު ދެނެގަނެވިފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ދީފައިވާ މައުލޫމާތުގައިވާ ގޮތުން، ހާދިސާ ހިނގަން މެދުވެރިވެފައިވަނީ ކޮޅުވެއްޓި ދިޔަވާން ފަށައި، ކުއްލިއަކަށް އަރިއަޅައިލުމުގެ ސަބަބުންނެވެ. އޭރު ހާމިދާއި ގެއްލުނު ބިދޭސީ މީހާ ތިބީ ވީލްހައުސް ތެރޭގައެވެ.
މިހާރު އެ ކޮޅުވެއްޓި ފެތިފައި އޮތީ، ޅ. އަތޮޅާ އެއް މޭލު ދުރުން، 550 މީޓަރު އަޑީގައެވެ. ގެއްލުނު ބިދޭސީ ފަޅުވެރިޔާ އޮތްތަން އެނގިފައިވީ ނަމަވެސް، އެހާ ފުން އަޑިން ނެގޭނެ ގޮތެއް މިވަގުތު ނެތްކަން ނުހަނު ހިތާމައާއެކު އެމްއެންޑީއެފް އިން ވަނީ ހާމަކޮށްފައެވެ..
މި ހާދިސާ ހިނގި ގޮތް ބެލުމަށް ޓަކައި އެތެރޭގެ ތަހުގީގެއް ކުރިއަށްދާ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

