ސިންގަޕޫރަކީ ދިވެހިން ތަރައްޤީ ތަޞައްވުރު ކުރުމުގައި ނަމޫނާއަކަށް ބަލާ ޤައުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިފަދައިން އެމަނިކުފާނު ވިދާޅުވީ، ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް ދެއްވި ޖާފަތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދެ ޤައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރުން ފާހަގަކުރާ މި މުނާސަބަތާ ދިމާކޮށް ކުރައްވާ މި ދަތުރުފުޅާއެކު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތީ ޒަމާންވީ ބަދަހި ގުޅުމެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، “ސިޔާސީ ގުޅުން ޤާއިމްވުމުގެ މާކުރިންވެސް ދިވެހި ދަތުރުވެރިންނަށް ސިންގަޕޫރަކީ މުހިންމު މަންޒިލެއް” ކަމަށް ވިދާޅުވިއެވެ. އަދި 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއާއި 2014 ވަނަ އަހަރު ކުރިމަތިވި މާލޭގެ ފެނުގެ ކާރިސާގައި ސިންގަޕޫރުން ދެއްވި އެހީތެރިކަން ޚާއްޞަކޮށް ފާހަގަކުރެއްވިއެވެ.
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ދެ ޤައުމުން އެއް ޤައުމު އަނެއް ޤައުމުގެ ތަޖުރިބާތައް ބަލައިގަންނަން ޖެހޭ ކަމަށެވެ. އެގޮތުން ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ޤައުމެއްކަމަށާއި، ސިންގަޕޫރަކީ ވިޔަފާރިއާއި މާލީ ދާއިރާގައި ކުރިއެރުން ހޯދާފައިވާ ޤައުމެއްކަން ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގެ ކުރިން ދެ ޤައުމުގެ ރައީސުން ވަނީ، ދެ ޤައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމްވުމުގެ 50 އަހަރުގެ މުނާސަބަތާ ދިމާކޮށް ފަރުމާކޮށްފައިވާ ޚާއްޞަ ސްޓޭމްޕެއް އިފްތިތާޙްކޮށްދެއްވާފައެވެ.

