އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މިއަދު ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، ރާއްޖޭގައި މިވަގުތު ގުރުއާން ހިތުދަސް ކުރަމުންދާ މީހުންގެ އަދަދު 1،434 އަށް އަރައިފިއެވެ.
އެ ވުޒާރާއިން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މިވަގުތު ރާއްޖޭގައި ގުރުއާން ހިތުދަސްކޮށްދޭ 20 ކްލާހެއް ހިންގަމުން ގެންދެއެވެ. މި ކްލާސްތަކުގައި ތަޢުލީމު ހާސިލުކުރަމުންދަނީ 783 އަންހެނުންނާއި 651 ފިރިހެނުންނެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވާ ގޮތުގައި، ގުރުއާން ހިތުދަސް ކުރާ މީހުންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ވެސް ކުރިއަށްދެއެވެ. މި ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލާފައިވަނީ މީގެ ދެ މަސް ކުރިންނެވެ.
ވަޒީރު ޝަހީމް އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، މެއި މަހުން ފެށިގެން އަތޮޅުތަކުގައި އިސްލާމީ މަރުކަޒު ގާއިމުވެފައިވާ ތަންތަނާއި، މަރުކަޒުތައް ގާއިމުކުރެވެމުންދާ ތަންތަނާއި ބޮޑެތި އާބާދީތަކުގައި ގުރުއާން ހިތުދަސްކުރުމުގެ މަޝްރޫއު ކުރިއަށް ގެންދެވޭނެއެވެ.
މި މަޝްރޫއުގެ ދަށުން ގުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނެ ރަށްތަކުގެ ތެރޭގައި ހއ. ދިއްދޫ، ބ. އޭދަފުށި، ދ. ކުޑަހުވަދޫ، އއ. ފެރިދޫ، ރ. އުނގުފާރު، ހދ. ކުޅުދުއްފުށި، ގދ. ތިނަދޫ، ސ. ހިތަދޫ އަދި ލ. ގަން ހިމެނެއެވެ.

