ހޮލީވުޑްގެ މަޝްހޫރު ފިލްމު “ދަ ޑެވިލް ވެއާސް ޕްރާޑާ” ގެ ދެވަނަ ބައިގެ މަސައްކަތް ފަށައިފި އެވެ.
މި ފިލްމު އުފައްދާ ޓުވެންޓިއެތު ސެންޗަރީ ފޮކްސް ސްޓޫޑިއޯސް އިން މިކަން އިއުލާނުކޮށްފައިވަނީ އެމީހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ.
41 މިލިއަން ޑޮލަރުގެ ބަޖެޓަކުން ގެނެސްދިން ކޮމެޑީ-ޑްރާމާ “ޑެވިލް ވެއާސް ޕްރާޑާ” ބޮކްސް އޮފީހުގައި 326.7 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައިވާއިރު، މި ފިލްމަކީ ލިޔުންތެރިޔާ ލޯރެން ވެއިޒްބާސް 2003 ގައި ނެރުނު ވާހަކައަށް ބިނާކޮށް ޑޭވިޑް ފްރޭންކެލް ޑައިރެކްޓްކޮށް ގެނެސްދިން ކާމިޔާބު ފިލްމެކެވެ. ފިލްމުގެ މައިގަނޑު ކާސްޓުންގެ ތެރޭގައި މެރީލް ސްޓްރީޕާއި އޭން ހެތަވޭ އާއި ސްޓޭންލީ ޓަކީ އާއި ސައިމަން ބޭކާ އާއި އެމިލީ ބްލަންޓްގެ އިތުރުން އެޑްރިއެން ގްރެނިއާ ހިމެނެއެވެ.
“ޑެވިލް ވެއާސް ޕްރާޑާ 2” ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުއެވެ. ފިލްމުގެ ސީޒަން 2 ގައިވެސް ސީޒަން 1 އިން ފެނިގެން ދިޔަ ބައެއް ތަރިން ފިލްމުގައި ހިމެނެއެވެ. އޭގެ ތެރޭގައި ސްޓްރީޕް، ހެތަވޭ، އެމިލީ، އަދި ޓަކީ ހިމެނެ އެވެ.

