ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކެނެޑާގެ ކެނެޑާ ދުވަހާ ގުޅިގެން އެ ޤައުމުގެ ވެރިންނާއި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވައިފިއެވެ.
ކެނެޑާގެ ގަވަރނަރ ޖެނެރަލް އަލްފާޟިލާ މޭރީ ޖޭ. ސައިމަންއަށާއި، ކެނެޑާގެ ބޮޑުވަޒީރު އަލްފާޟިލް މާރކް ކާނީއަށް ފޮނުއްވި ސިޓީތަކުގައި ރައީސް ވަނީ ދެ ޤައުމުގެ ދެމެދުގައިވާ ދެމިގެންވާ ރަޙްމަތްތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާފައެވެ.
ގަވަރނަރ ޖެނެރަލްއަށް ފޮނުއްވި ސިޓީގައި ރައީސް ވަނީ ދިވެހިރާއްޖެއާއި ކެނެޑާގެ ގުޅުން ބިނާވެފައިވާ އެކުވެރިކަމާއި، ޙިއްސާކުރާ ލަނޑުދަނޑިތައް ފާހަގަކުރައްވާފައެވެ.
ބައިނަލްއަޤްވާމީ މައިދާނުގައި ކުދި ޖަޒީރާ ޤައުމުތަކަށް ކެނެޑާއިން ދެއްވާ އެހީތެރިކަމާއި، އަހަރުތަކެއް ވަންދެން ދެއްވާފައިވާ އެހީތެރިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ބޮޑުވަޒީރަށް ފޮނުއްވި ސިޓީގައި ރައީސް ޑރ. މުޢިއްޒު ވަނީ 1981 ގައި ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރި ފަހުން ތަރައްޤީވެފައިވާ އެކުވެރި ގުޅުންތަކާމެދު ވިސްނާވަޑައިގެންފައެވެ.
ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްފަދަ ދާއިރާތަކުގައި ކެނެޑާއަކީ އިތުބާރުހުރި ތަރައްޤީގެ ބައިވެރިއެއްކަން ސިޓީގައި ރައީސް ފާހަގަކުރައްވާފައިވެއެވެ. އަދި ކުރިމަގުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، އެއްބާރުލުން ރަނގަޅުވާނެކަމުގެ ޔަޤީންކަން ފާޅުކުރައްވާފައިވެއެވެ. ރައީސް ވަނީ ދެ ސިޓީގައިވެސް އެންމެ މަތީ އިޙްތިރާމް އަރުވައި، މުހިންމު މައްސަލަތަކުގައި ކެނެޑާއާއެކު މަސައްކަތްކުރުމަށް ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތުކަން އަލުން ކަށަވަރުކޮށްދެއްވާފައެވެ.
މި މުނާސަބަތުގައި ރައީސް ވަނީ އަމިއްލަ "އެކްސް" އެކައުންޓުގައިވެސް މެސެޖެއް ޙިއްސާކުރައްވައި، ގަވަރނަރ ޖެނެރަލްއަށާއި، ބޮޑުވަޒީރަށާއި، ސަރުކާރަށާއި، ކެނެޑާގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާފައެވެ. ވޭތުވެދިޔަ 40 އަހަރު ވަންދެން ދިވެހިރާއްޖެއާއި ކެނެޑާގެ ދެމެދުގައި އޮތް ރަޙްމަތްތެރި ގުޅުން ފާހަގަކުރައްވާފައިވެއެވެ. އިތުރު ކުރިއެރުން ހޯދުމަށް ދެ ޤައުމުގެ ސަރުކާރުތަކާއި ރައްޔިތުންގެ މެދުގައި ބަދަހި ގުޅުންތައް އިތުރުކުރުމަށް ގޮވާލާފައިވެއެވެ.
ކެނެޑާ ޑޭއަކީ 1867 ޖުލައި 1 ގައި ކެނެޑާގެ ކޮންފެޑެރޭޝަން އުފެދުނު ދުވަސް ފާހަގަކުރުމަށް ބާއްވާ ފެޑެރަލް ބަންދު ދުވަހެކެވެ. މި ދުވަހަކީ ބްރިޓިޝް ނޯތު އެމެރިކާ އެކްޓް ތަންފީޒުކުރެވި، ޔުނައިޓެޑް ކެނެޑާސް، ނޯވާ ސްކޯޝިއާ އަދި ނިއު ބްރަންސްވިކްގެ ކޮލޮނީތައް ބްރިޓިޝް އެމްޕަޔަރގެ ދަށުން ކެނެޑާ ކިޔާ އެއް ޑޮމިނިއަންއަކަށް އެއްކުރެވުނު ދުވަހެވެ.

