މާލޭގެ މައްޗަންގޯޅި ސަރަހައްދުގައި ހުންނަ ގެއަކުން ތިޖޫރީއެއް ވަގަށް ނަގައި، އޭގައި ހުރި ލައްކައެއްހާ ރުފިޔާ ވަގަށް ނެގި މީހަކު މިއަދު ފުލުހުން ހައްޔަރު ކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ސީސީޓީވީ ފުޓޭޖު ބަލައި ދިރާސާކުރުމަށްފަހު، މިއަދު ހެނދުނު 11:05 ހާއިރު މާވެޔޮ މަގުން ވަނީ މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު، ތިޖޫރީން ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ ފައިސާގެ އިތުރުން، އެ ފައިސާއިން ގަތްކަމަށް ބެލެވޭ މޯބައިލް ފޯނެއްވެސް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ފަރާތަކީ ރ. އަލިފުށި / ހަބީބީހެޕް، އިސްމާއީލް ސާއިފް (39 އަހަރު) ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އިސްމާއީލް ސާއިފަކީ ކުށުގެ ރެކޯޑެއް އޮތް މީހެއް ކަމަށާއި، ވޭތުވެދިޔަ މަހު ސައިކަލެއް ވަގަށް ނެގުމުގެ މައްސަލައެއްގައިވެސް އޭނާ ވަނީ ހައްޔަރުކުރެވިފައެވެ.
ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

