ޅ. އަތޮޅަށް ދަތުރުކުރަމުންދިޔަ ކޮޅުވެއްޓިއެއް ކާށިދޫ ކަނޑަށް ބަނޑުން ޖެހުނު ހާދިސާއާ ގުޅިގެން ދެކެވެމުންދާ ބައެއް ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަނީ ބުނެފައެވެ.
އެމްއެންޑީއެފުން މި މައުލޫމާތު ހާމަކޮށްފައިވަނީ، އެ ދަތުރަށް ފުރީ ސިވެކްގެ އިސްވެރިން ކެޕްޓަނަށް މަޖުބޫރުކޮށްގެން ކަމަށް ބުނެ ބައެއް ފަރާތްތަކުން ހަގީގަތާ ޚިލާފު ވާހަކަތަކެއް ފަތުރަމުންދާތީއެވެ. އެމްއެންޑީއެފުން ވަނީ މި ވާހަކަތައް ދޮގުކޮށް، ކޮޅުވެއްޓިއަށް އެއްވެސް އެއްޗެއް ބަރުކުރެވޭނީ ހަމައެކަނި ކެޕްޓަންގެ ސީދާ ބެލުމުގެ ދަށުން ކަމަށް ބުނެފައެވެ.
އެމްއެންޑީއެފުން އިތުރަށް ހާމަކުރި ގޮތުގައި، އުޅަނދު އެއްވެސް ބަނދަރަކުން ފުރާނީ ވެސް މޫސުމާއި ހާލަތަށް ރިއާޔަތްކޮށް، ކެޕްޓަން އަމިއްލައަށް ނިންމާ ނިންމުމެއްގެ މައްޗަށް ބިނާކޮށެވެ. އަދި އުޅަނދަށް ބަރުކުރުމާއި ފުރުމުގައި ކެޕްޓަންގެ މައްޗަށް އެއްވެސް ފަރާތަކުން މަޖުބޫރުކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ވެސް އެމްއެންޑީއެފުން ވަނީ ދީފައެވެ.
މި ހާދިސާއާ ގުޅިގެން ސިފައިންގޭގައި އެތެރޭގެ ތަހުގީގެއް ކުރިއަށްދާ ކަމަށް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ. މި ހިތާމަވެރި ހާދިސާގައި ސިފައިންގެ ބޭކަލަކު ނިޔާވެ، ކޮޅުވެއްޓީގައި މަސައްކަތްކުރަމުން އައި ބިދޭސީއެއް ވަނީ ގެއްލިފައެވެ.
އެމްއެންޑީއެފުން ދިން މައުލޫމާތުގައި، ހާދިސާ ހިނގިއިރު ނިޔާވި ހާމިދު އާއި ކެޕްޓަން ތިބީ ވީލް ހައުސްތެރޭގައި ކަމަށާއި، ގެއްލުނު ފަޅުވެރިޔާ އިންޖީނު ރޫމްގެ ތެރޭގައި ހުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވަނީ ބުނެފައެވެ.

