ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ބަންޑާރަ ގޯތި ލިބުނު ފަރާތްތަކަށް، ސަރުކާރުން ގެނައި ބަދަލާ ގުޅިގެން އަލުން ބިމުގެ ރަޖިސްޓްރީ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ހުޅުވާލައިފިއެވެ.
ގުޅީފަޅުގެ އައު ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލާ ގުޅިގެން، ކުރިން ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތްތަކުގެ ގޯތީގެ ލޮކޭޝަން ބަދަލުވެފައިވާ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ. މިގޮތުން މިދިޔަ ހުކުރު ދުވަހު އުސްފަސްގަނޑު ސަރަހައްދުގައި ގުރުނެގުން ބޭއްވުނު އިރު، ގޯތި ލިބުނު ފަރާތްތަކުގެ ފޯމު ނަންބަރާއި، ލޮޓް ނަންބަރު އަދި ގޯތިތަކުގެ ބޮޑުމިނުގެ ތަފްސީލު ހިމެނޭ ލިސްޓެއް ވަނީ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ބަދަލާ ގުޅިގެން ކުރިން ދޫކޮށްފައިވާ “ބަންޑާރަ ގޯތީގެ ރަޖިސްޓްރީ” އާއި ސޮއިކޮށްފައިވާ “ބަންޑާރަ ގޯތީގެ އެއްބަސްވުން” ވަނީ ބާޠިލުކުރެވިފައެވެ. އެހެންކަމުން، އަލުން ރަޖިސްޓްރީއާއި އެއްބަސްވުން ހެދުމަށްޓަކައި 2025 ޖުލައި 1 އިން ފެށިގެން “ހިޔާވެހި ޕޯޓަލް” މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އައު ރަޖިސްޓްރީއާއި އެއްބަސްވުން ދޫކުރަން ފަށާނީ 2025 ޖުލައި 7 ވާ ހޯމަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެންނެވެ. އެޕޮއިންޓްމަންޓަށް އެދޭއިރު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ހެކިވެރިއެއްގެ އައިޑީ ކާޑު ކޮޕީ، ބަދަލުގައި ދާ ފަރާތެއްނަމަ ނޮޓަރައިޒްކޮށްފައިވާ ޕަވަރ އޮފް އެޓަރނީ އަދި އައިޑީ ކާޑު ކޮޕީ، އަދި ކުރިން ސޮއިކޮށްފައިވާ އެއްބަސްވުމާއި ރަޖިސްޓަރީގެ ކޮޕީ ހިމެނެއެވެ.
އެޕޮއިންޓްމަންޓަށް ހާޒިރުވާއިރު ގެންނަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާނަމަ ނުވަތަ ގަޑިއަށް ފަސް މިނެޓަށްވުރެ ލަސްވެއްޖެނަމަ އެޕޮއިންޓްމަންޓް ކެންސަލްވާނެ ކަމަށް މިނިސްޓްރީން ވަނީ އަންގާފައެވެ. އެޕޮއިންޓްމަންޓްގެ ތަފްސީލު “ހިޔާވެހި ޕޯޓަލް” އާއި އެސްއެމްއެސް މެދުވެރިކޮށް އަންގާނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

