އާސަންދައިގެ ދަށުން ލިބެންޖެހޭ ބޭސްތައް ފާމަސީތަކުގައި ހުންނައިރު ވެސް އާސަންދައިން ދޫނުކޮށް، ބޭސް ގަންނަންދާ ފަރާތްތަކަށް ވިއްކާ ފާމަސީތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އާސަންދަ ކުންފުނިން މިއަދު ބުނެފިއެވެ. މިކަން އެ ކުންފުނިން ހާމަކޮށްފައިވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ ބައްދަލުވުމުގައެވެ.
އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވި ގޮތުގައި، ބޭހުގެ އަގުތަކަށް ސަރުކާރުން ގެނައި ބަދަލަށް ފަހު، އާސަންދައިން ބޭސް ހޯދަން ދިއުމުން ބޭސް ނުހުންނަ ކަމަށް ބުނެ، ނަމަވެސް އަމިއްލައަށް ގަންނަން ދިއުމުން އެ ބޭސްތައް ލިބެން ހުންނަ ކަމަށް ބުނެ ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމީ ބޮޑު ކަންބޮޑުވުމެއް ކަމަށް ފާހަގަކުރެއްވިއެވެ.
“ފާމަސީގެ އުސޫލެއް އޮވޭ އެންސްޕާއިން ކަނޑައަޅާފައި. ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން މި ނަގާ ފިޔަވަޅުތަކުގެ ތެރޭގައި ފާމަސީތަކަށް މަޖުބޫރުވާނެ އާސަންދައިގެ ދަށުގައި ހުރިއްޔާ އާސަންދައިގެ ތެރެއިން ހުރިހާ ބޭހެއް ދޭން،” ޒީނިޔާ ވިދާޅުވިއެވެ.
އެންސްޕާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، މިފަދަ މައްސަލަތަކާ ގުޅިގެން އުސޫލާ ހިލާފުވާ ފާމަސީތައް ޖޫރިމަނާކޮށް، ހަރުކަށި ފިޔަވަޅު އެޅިގެންދާނެއެވެ. އަދި އާސަންދައިން ނުލިބޭ ބައެއް ބޭސްތައް އެންސްޕާ މެދުވެރިކޮށް ގެނެސް އާސަންދައިގެ ދަށުން ދޫކުރާ ކަމަށާއި، މިގޮތަށް ބޭސް ގެނައުމަށް ބައެއް ފަހަރު ދެތިން މަސް ނަގާ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ބޭސްތަކަށް އާސަންދައިން ކަނޑައަޅާފައިވާ އަގު ކުޑަކުރުމަށް ފަހު، ރައްޔިތުންނަށް ފާމަސީތަކުން ބޭސް ލިބުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވެފައިވާއިރު، މީގެ ތެރޭގައި ބައެއް ބޭސްތައް ރާއްޖެ ގެނައުން ހުއްޓާލުމާއި، ލިބެން ހުރި ބޭސްތައް ވެސް އެކި ސަބަބުތައް ދައްކައި އާސަންދައިން ދޫކުރުން އަމިއްލަ ބޭސް ފިހާރަތަކުން ހުއްޓާލާފައިވާކަން ފާހަގަކުރެވެއެވެ.

