ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައިފިއެވެ. ރިޓްސް ކަރލްޓަންގެ ގާޑަން ޕެވީލިއަންގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޤައުމުގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ވަކިވަކިން ބައްދަލުކުރައްވާ، އެ އާއިލާތަކާއެކު ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، ރައީސް މުޢިއްޒު ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކޮށް އެ ފަރާތްތަކުގެ ހާލު އޮޅުންފިލުވުމަށް ޚާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އަދި ދިވެހިން އެކި ބޭނުންތަކަށް އެކި ޤައުމުތަކަށް ދިރިއުޅުން ބަދަލުކުރި ނަމަވެސް، ދިވެހިންގެ އަޚުލާޤާއި ރާއްޖޭގެ ރީތި ނަން ދެމެހެއްޓުމަށް އިސްކަންދިނުމަކީ ރައީސްގެ އެދިވަޑައިގަތުމެއް ކަމުގައި ވިދާޅުވިއެވެ.
"ދުނިޔެ ތަރައްޤީވަމުން އަންނައިރު ދިވެހި މުޖުތަމައުގެވެސް ވިސްނުމާއި ފިކުރު ބަދަލުވެގެންދޭ. ދަރިންނަށް ކިޔަވައިދިނުމަށާއި، އަމިއްލައަށް ތަޢުލީމް ލިބިގަތުމަށާއި ވަޒީފާގެ ގޮތުންވެސް ތަންތަންތަނަށް ބަދަލުވަނީ އަމާން މާހައުލެއްގައި އަމާން ދިރިއުޅުމަށް،" ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
ޚާރިޖީ ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ސިންގަޕޫރަށް ރައީސް ކުރައްވާ މި ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއް ކަމަށާއި، ދިވެހިންނަށް ފައިދާވާނެ ގިނަ ކަންކަން ހާސިލްކުރުމަށް މަޝްވަރާކޮށް އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވާ ކަމަށެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މިއީ ރައީސް މުޢިއްޒު ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު ސިންގަޕޫރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅު ކަމަށްވުމެވެ. މި ދަތުރުފުޅަކީ ސިންގަޕޫރުގެ ރައީސްގެ ޚާއްސަ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

