މާލޭގެ ކެފޭއެއްގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުން ދިޔަ ފަސް ބިދޭސީން މޯލްޑިވްސް އިމިގްރޭޝަނުން އަތުލައިގަނެ، އެ ފަރާތުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ހިއްސާކުރި މައުލޫމާތުގައި ބުނެފައިވަނީ، މި ބިދޭސީން އަތުލައިގަތީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންތަކުގެ ތެރެއިން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އިމިގްރޭޝަނުން މި އަހަރުގެ ތެރޭގައި ހިންގާފައިވާ މިފަދަ އޮޕަރޭޝަންތަކުގައި މިހާތަނަށް 100 އަށްވުރެ ގިނަ ބިދޭސީން ވަނީ އަތުލައިގަނެފައެވެ. އަދި މި މައްސަލަތަކާއި ގުޅިގެން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކުރެވޭ ފަރާތްތައް އެ މީހުންގެ އަމިއްލަ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް އިމިގްރޭޝަނުން ދަނީ ކުރަމުންނެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައަކީ ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ އެކި ފިޔަވަޅުތައް އަޅަމުންނެވެ.

