ޤައުމީ ބެންކު، ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ބުނެފައި ވަނީ އެ ބެންކުގެ ހަތަރު ކާޑަކުން ބޭރުގެ ވެބްސައިޓްތަކުން އިތުރު ފީއެއް ނެތި ވިޔަފާރި ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް ފައިސާ ނެގުމަށް ލިމިޓެއް ކަނޑައަޅާފައިވީ ނަމަވެސް، ދަރިވަރުންނަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވެސް ބެންކުން ވަނީ ހާމަކޮށްފައެވެ.
ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޓީމޫ، ޝީއިން، އަލީބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ފަދަ ބޭރުގެ އެކި ވެބްސައިޓްތަކުން އިތުރު ފީއަކާ ނުލާ އެ ބެންކުގެ ހަތަރު ކާޑަކުން ވިޔަފާރި ކުރެވޭނެ ކަމަށެވެ. މި ހިދުމަތް ލިބިގެންދާނީ ބީއެމްއެލްގެ ކްރެޑިޓް ކާޑު، ޓްރެވަލް ކާޑު، ޔޫއެސްޑީ ޑެބިޓް ކާޑު އަދި ބިޒްނަސް ޑެބިޓް ކާޑު ބޭނުންކޮށްގެންނެވެ.
މީގެ އިތުރުން ބީއެމްއެލް އިން ވަނީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް 750 ޑޮލަރާ ހަމައަށް ފައިސާ ނަގާ އަދި ޕޭމަންޓް ހެދޭނެ ކަމަށް ބުނެފަ އެވެ. މި ލިމިޓް ހަމަޖައްސަން ބޭނުންވާ ފަރާތްތަކުން ރީފިޔާ ޑެބިޓް ކާޑު ސެލެކްޓް ކުރުމަށް ފަހު، އެމީހަކު ދިރިއުޅޭ ޤައުމެއްގައި ހުންނަ ޕީއޯއެސް މެޝިންތަކުންނާއި އޭޓީއެމްތަކުން 750 ޑޮލަރުގެ ލިމިޓާ ހަމައަށް ޓްރާންސްކްޝަން ހެދޭނެ ކަމަށް ބެންކުން ވަނީ ހާމަކޮށްފަ އެވެ.
ޑޮލަރު ލިމިޓަށް ގެނައި މި ބަދަލުން ރާއްޖޭން ބޭރުގައި ކިޔަވާ އެއްވެސް ދަރިވަރަކަށް އަސަރެއް ނުކުރާނެ ކަމަށް ބީއެމްއެލް އިން ވަނީ ކަށަވަރުކޮށްދީފަ އެވެ. އެގޮތުން ދަރިވަރުންނަށް ކަނޑައަފައިވާ 1200 ޑޮލަރުގެ ލިމިޓަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި، ދަރިވަރުން އޭޓީއެމް އިން ފައިސާ ނެގުމުގެ ލިމިޓާއި ފީ އަށް ވެސް ބަދަލެއް ނުގެންނަ ކަމަށް ބެންކުން ވަނީ ބުނެފަ އެވެ.
ކިޔަވާ ދަރިވަރުންނާއި، އިންޓާންޝިޕް ފުރިހަމަ ކުރާ ދަރިވަރުންނަށް ޑޮލަރު ލިމިޓް 1200 ޑޮލަރަށް އިތުރުކުރުމަށް ސްޓޫޑެންޓް ޕޯޓަލް މެދުވެރިކޮށް އެދެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ވެސް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.

