ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، ހާއްސަ އިގްތިސާދީ ސަރަހައްދު (ސްޕެޝަލް އިކޮނޮމިކް ޒޯން – އެސްއީޒެޑް)ގެ ގޮތުގައި “ޕްރޮޖެކްޓް ސޯލާ ސިޓީ” ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ. މިކަމަކީ ދިވެހިރާއްޖޭގެ އިގްތިސާދީ ތަރައްގީއަށް ހުޅުވުނު މުހިންމު ދޮރެއް ކަމަށް ފާހަގަކުރެވެއެވެ.
ރައީސް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، މިކަމާ ގުޅިގެން ސްޕެޝަލް އިކޮނޮމިކް ޒޯނެއްގައި ހިންގިދާނެ އިގްތިސާދީ މަސައްކަތްތަކާއި، އެފަދަ ޒޯނެއްގައި ހިމެނޭ ޖުމުލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑު، ގާނޫނު ނަންބަރު 2014/24 (ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނު) ގެ ދަށުން، މިދިޔަ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު ޝާއިއުކުރެއްވި ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 1/2025 އިން ވަނީ މީގެ ކުރިން ކަނޑައަޅުއްވާފައެވެ.
“ޕްރޮޖެކްޓް ސޯލާ ސިޓީ” ގެ ނަމުގައި ހައި ޓެކްނޮލޮޖީ ޕާކެއް ތަރައްގީކުރުމަށް ޓަކައި، މިއަދު ވަނީ އޭޕީއެމް އެސްޕީވީ ޕްރައިވެޓް ލިމިޓެޑާއި ބޯޑް އޮފް އިންވެސްޓްމަންޓާއި ދެމެދު އިންވެސްޓްމަންޓް އެގްރީމަންޓެއްގައި ސޮއިކޮށްފައެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި “ޕްރޮޖެކްޓް ސޯލާ ސިޓީ” ރައީސުލްޖުމްހޫރިއްޔާ މިއަދު ކަނޑައެޅުއްވިއިރު، މި ޒޯނުގައި ކުރުމަށް ހުއްދަ ދެވިފައިވާ ކަންކަމުގެ ތެރޭގައި ތިރީގައިވާ ކަންކަން ހިމެނެއެވެ.
- 100 މެގަވޯޓްގެ ސޯލާ ފޮޓޯވޮލްޓިކް ސިސްޓަމެއް ގާއިމްކޮށް އޮޕަރޭޓް ކުރުން.
- މީޓިންގްސް، އިންސެންޓިވްސް، ކޮންފަރެންސެސް އަދި އެގްޒިބިޝަންސް (އެމްއައިސީއީ) ހިމެނޭހެން ފަތުރުވެރިކަން ތަރައްގީކޮށް އޮޕަރޭޓްކުރުން.
- ލޮޖިސްޓިކްސް، ސްޓޯރޭޖާއި އިންޑަސްޓްރިއަލް ހަބެއް ތަރައްގީކޮށް އޮޕަރޭޓްކުރުން.
- ރިއަލް އެސްޓޭޓް ތަރައްގީކުރުން.
މި ޒޯނަށް ކަނޑައެޅިފައިވާ އިނާޔަތްތައް ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ހިމަނައި، މީގެ އިތުރުން، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގޮތުގައި ކަނޑައަޅައިފައިވާ ސަރަހައްދު ފާހަގަކޮށްފައިވާ ޗާޓު ވެސް ވަނީ ގަރާރުގެ ބައެއްގެ ގޮތުގައި ޝާއިއުކުރައްވާފައެވެ.

