އަތޮޅު ހޮސްޕިޓަލްތަކުން ފޮނުވާ ބަލި މީހުން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖައްސަމުން އަންނަ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން މިއަދު ބުނެފިއެވެ.
ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން މިކަން ހާމަކޮށްފައިވަނީ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި ބޭއްވި ބައްދަލުވުމުގައެވެ.
އެ ބައްދަލުވުމުގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލާ ގުޅިގެން، މާލެ ސަރަހައްދުގެ ސަރުކާރު ހޮސްޕިޓަލްތައް ބަލަހައްޓާ ބޯޑުގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވީ ފަރުވާއަށް ރަށްރަށުން އަންނަ މީހުންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސަން ހެލްތު މިނިސްޓްރީއާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
އޭގެ ތެރެއިން އިތުރު ފަރުވާއަށް އަތޮޅު ހޮސްޕިޓަލުތަކުން މާލެއަށް ރެފާކުރާ ގޮތް ހަދައި އަދި އެ ހޮސްޕިޓަލުތަކުން އެގޮތަށް އެދުމުން އަވަހަށް އެޕޮއިންޓްމަންޓް ލިބޭނެ ގޮތް ހަމަޖެއްސުމާ ގުޅޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ހަލީމް ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި މަސައްކަތްކުރައްވާ ޑޮކްޓަރުން، އެކި ރަށްރަށުގައި އައުޓްރީޗް ޕްރޮގްރާމްތައް އަންނަނީ ހިންގަމުން ކަމަށާއި، އޭގެ ތެރޭގައި އޮޕަރޭޝަންތައް ވެސް ކުރާއިރު، އެ މަސައްކަތުގެ ތެރެއިން ވެސް ހިދުމަތް ހޯދަން މާލެ އަންނަން ޖެހޭ ވަރު މަދުވާނެކަން ހަލީމް ވަނީ ފާހަގަކުރެއްވާފައެވެ.

