އއ. ތޮއްޑޫ ކައިރިއަށް މަހަށް ނިކުމެ އުޅުނު ބަޔަކަށް 15 ކިލޯގެ “ހުދަންބަރު” މާވަހަރެއް ފެނިއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގަައި މި މާވަހަރު ފެނިފައިވަނީ އިއްޔެ ހަވީރު 5:20 ހާއިރު، ޑިންގީއެއްގައި މަސްވެރިކަމަށް ނިކުމެ އުޅުނު ތިން ޒުވާނުންނަށެވެ.
މާވަހަރު ފެނުނު ޒުވާނުން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި މާވަހަރު ފެނިފައިވަނީ އުކުޅަހުން ފުރައިގެން ގޮސް ފަރުކޮޅާއި ތޮއްޑޫއާ ދެމެދު ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށެވެ. “ކަންނެލި ބާނަން ވެގެން ދޮށި އެއްލައިގެން ތިއްބައި ފެނުނީ. ފެނުނު އިރު އޭތި އޮތީ ލޯންޗާ 10 ވަރަކަށް ފޫޓު ކައިރީގައި ދެފެން ދޭތެރޭގައި،” މާވަހަރު ފެނުނު ޒުވާނުން ބުންޏެވެ.
މާވަހަރު ނެގި ވަގުތު ވަރަށް ނުބައި ވަހެއް ދުވި ކަމަށާއި، ނަމަވެސް އިރުކޮޅަކުން ވަސް ރަނގަޅުވެފައިވާ ކަމަށް އެ ޒުވާނުން ހާމަކުރިއެވެ. މިހާރު މާވަހަރު އޮތީ ލޮނު ފެނަށް ލާފައި ކަމަށާއި، ރަށުގެ ގިނަ ބަޔަކު މާވަހަރު ޓެސްޓްކޮށް ބަލަމުންދާ ކަމަށާއި، ގިނަ ބަޔަކު ދެކޭ ގޮތުގައި އެއީ ހުދަންބަރު މާވަހަރެއް ކަމުގައި އެ ޒުވާނުން ފާހަގަކުރިއެވެ.
މީގެ ކުރިންވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން މާވަހަރު ފެނިފައިވާއިރު، މިފަދަ މާވަހަރުތައް ފެނުމަކީ ދިވެހި މަސްވެރިންނަށް ލިބޭ ބޮޑު އުފަލެއް ކަމުގައި ފާހަގަކުރެވެއެވެ. މާވަހަރުގެ އަގު ބޮޑުކަމުން، މިފަދަ މާވަހަރެއް ލިބުމަކީ މަސްވެރިންނަށް ލިބޭ ބޮޑު ނަފާއެއް ކަމުގައިވެސް ބެލެވެއެވެ.

