ދުންފަތުގެ ބާވަތްތައް އެތެރެކުރުމަށާއި ވިއްކުމުގެ ލައިސަންސް ނެގުމަށް ދެވިފައިވާ މުއްދަތު ހަމަވާން ބާކީ އޮތީ މަހެއްހާ ދުވަސް ކަމަށާއި މިމަހު މުއްދަތު ހަމަވާނެ ކަން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އާންމުންނަށް ހަނދާންކޮށްދީފައެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި، ދުންފަތުގެ ބާވަތްތައް އިމްޕޯޓުކުރުމަށާއި ރިއެކްސްޕޯޓް ކުރުމަށާއި އަދި ރާއްޖޭގައި ވިއްކުމަށް ޤާނޫނު ނަންބަރު 15/2010 “ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނު” އާއި އެ ޤާނޫނުގެ ދަށުން އާންމުކޮށްފައިވާ ގަވާއިދުގެ ދަށުން ވަކި ލައިސަންސެއް ނެގުން ލާޒިމުކުރެއެވެ.
މި ލައިސަންސް ނެގުމަށް ބޭނުންވާ ފަރާތްތަކަށް ވަންގަވް (oneGov) ޕޯޓަލް މެދުވެރިކޮށް އެ ހުއްދަ ހޯދުމުގެ ފުރުޞަތު ވަނީ 2025 އޭޕްރީލް 1 އިން ފެށިގެން ހުޅުވާލާފައެވެ. އަދި މި ހުއްދަ ނެގުމަށް ދެވިފައިވާ 3 މަސް ދުވަހުގެ މުއްދަތު ހަމަވާނީ 2025 ޖުލައި 17 ވަނަ ދުވަހުއެވެ.
އެޗްޕީއޭ އިން ވަނީ މި މުއްދަތު ހަމަވުމަށްފަހު ލައިސަންސް ނެތި ދުންފަތުގެ ވިޔަފާރީގެ މުޢާމަލާތްތައް ކުރުމަކީ ޤާނޫނީ ގޮތުން މަނާ ކަމެއްކަން ފާހަގަކޮށްފައެވެ. އެހެންކަމުން، ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން މި މުއްދަތު ހަމަވުމުގެ ކުރިން ލައިސަންސް ނެގުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

