ރާއްޖެއާއި ސިންގަޕޫރުގެ އިގްތިސާދީ ގުޅުންތައް ބަދަހިކުރުމަށާއި ތަރައްގީކުރުމަށް މަރްހޫމް ހުސައިން އަބްދުﷲ (މަރޮށި ހުސައިން ކަލޭގެފާނު) ކުރެއްވި ފާހަގަކުރެވޭ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، ދިވެހި ސަރުކާރުން ހާއްސަ އެވޯޑެއް އަރުވައިފިއެވެ.
މަރްހޫމް ހުސައިން އަބްދުﷲ އަކީ ރާއްޖެ-ސިންގަޕޫރުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި، އެމްއެޗްއޭގެ ބާނީއެވެ. އެމަނިކުފާނުގެ ލީޑަރޝިޕާއި ދުރުވިސްނުމުގެ ސަބަބުން ދެ ޤައުމުގެ ވިޔަފާރީގެ ގުޅުންތައް ވަނީ ބަދަހިވެ، ދިވެހި ވިޔަފާރިތަކަށް އައު ފުރުސަތުތައް ހުޅުވިފައެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ އެމްއެޗްއޭގެ ބާނީ މަރްހޫމް ހުސައިން އަބްދުﷲ އަށް މި އިނާމު އެރުވީ އިއްޔެ ސިންގަޕޫރުގެ ސެންޓޯސާގައި ހުންނަ ކެޕެއްލާ ސިންގަޕޫރުގައި ބޭއްވި ރާއްޖެ-ސިންގަޕޫރު ވިޔަފާރި ފޯރަމްގެ ތެރެއިންނެވެ.
މި އިނާމު އެރުވުމުގެ ރަސްމިއްޔާތު ބޭއްވުނީ ފޯރަމްގެ ހާއްސަ ސެގްމަންޓެއްގެ ގޮތުގައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އިނާމު އަރުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މަރްހޫމް ހުސައިން އަބްދުﷲ ވަނީ ރާއްޖެ-ސިންގަޕޫރުގެ މެދުގައި ވިޔަފާރީގެ ގުޅުންތައް ގާއިމުކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އެ ބޭފުޅާގެ ލީޑާޝިޕާއި، ގުރުބާނީއާއި، ދުރުވިސްނިވަޑައިގަތުމާއެކު ފެށި މަސައްކަތްތަކުން ދެ ގައުމުގެ ވިޔަފާރީގެ ގުޅުންތައް ބަދަހިވެ، މާކެޓަށް ވަނުމުގެ ފުރުސަތުތައް ފަހިވުމުގެ އިތުރުން، ދިވެހި ވިޔަފާރިތަކަށް އައު ފުރުސަތުތައް ހުޅުވައިދިނުމުގައި ވަރަށް ބޮޑަށް އެހީއަކަށް ވެގެން ދިޔައެވެ.
ޙުސައިން ޢަބްދުﷲ އަކީ ޖަމާޢަތަށް ފައިދާހުރި ޚާއްޞަ ޚިދްމަތް ކުރެއްވުމުގެ ދާއިރާއާއި، ވިޔަފާރީގެ ދާއިރާގައި ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މަރޮށީ ކަތީބުކަމުގައި ހުންނަވައިގެން، ރަށުގެ ތަރައްޤީއަށާއި، ރަށުގެ ރައްޔިތުންނަށް އަދި މުޅި އަތޮޅަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. މަރޮށީ ހުސައިން އަބްދުﷲ އަކީ، އެމަނިކުފާނުގެ އަމިއްލަފުޅު މަސައްކަތުން ކުރިއަށް ވަޑައިގެން، ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންގެ ކުރީ ސަފުން ޖާގަ ހޯއްދެވި ކުޅަދާނަ، ހިންގުންތެރި ވިޔަފާރިވެރިއެކެވެ.
ހުސައިން އަބްދުﷲ، ވިޔަފާރީގެ ފައިދާއިން އެންމެބޮޑު ހޭދައެއް ކުރައްވާފައިވަނީ، އުފަން ރަށް މަރޮށްޓަށެވެ. އެމަނިކުފާނަކީ އަމިއްލަ މުދަލާއި ފައިސާ، އުފަން ރަށަށްޓަކައި އަދި ރަށުގެ ތަރައްޤީއަށްޓަކައި، ދަރިންގެ ތަޢްލީމަށްޓަކައި ގިނަ ހޭދަތަކެއް ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނުގެ ހިތްޕުޅުގައި ތަޢްލީމަށް އޮތް ބޮޑު އަހަންމިއްޔަތު ހާމަވެގެންދަނީ، ރަށުގެ ރައްޔިތުންގެ މެދުގައި، ޢިލްމު އުނގެނުމުގެ ހޭލުންތެރިކަން އުފެއްދެވުމަށް، އެމަނިކުފާނު ކުރެއްވި ހީވާގި މަސައްކަތްތަކުގެ ސަބަބުންނެވެ.
ރަށުގައި ހުރި މައުލޫދު ހަރުގޭގައި، އެމަނިކުފާނުގެ ސީދާ ބެއްލެވުމުގެ ދަށުން ކުދިންނަށް ކިޔަވައިދެއްވަން ފެށްޓެވިއެވެ. ފުރަތަމަ ދަސްކޮށްދެއްވީ ދީނީ ކަންތައްތަކެވެ. އޭގެއިތުރުން، އުރުދޫބަސްވެސް ކިޔަވައިދެއްވިއެވެ. އަދި 11 ނޮވެމްބަރ 1979 ގައި އެންމެ ތިން މުދައްރިސުންނާއެކު، [އަލްމަދްރަސަތުލް މުނައްވަރާ]ގެ ނަމުގައި އެމަނިކާނުގެ އަމިއްލަ ގޭގައި ރަށުގެ ދަރިންނަށާއި، އަތޮޅުގެ ދަރިންނަށް އެ ސްކޫލްގެ ހިޔާވަހިކަން ފޯރުއްވައިދެއްވަން ފެށްޓެވިއެވެ. މުޅިން ހިލޭ ސާބަހަށެވެ. ހުރިހާ ކަމެއްވެސް އަމިއްލަފުޅަށެވެ. ދުވަހުން ދުވަހަށް ސްކޫލް ތަރައްޤީ ކުރައްވައި ކުރިއެރުއްވުމަށް ބުރަ މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ.
ހުސައިން އަބްދުﷲ 1980ގެ އަހަރުތަކުގެ ތެރޭގައި، ޒަމާނާ ގުޅޭގޮތަށް ސްކޫލް ތަރައްޤީ ކުރެއްވިއެވެ. އެގޮތުން 10 ކްލާސްރޫމާއި، ހޯލަކާއި، އޮފީސް ޢިމާރާތެއް ބިނާކުރެއްވިއެވެ. އެ މަދަރުސާގެ ދަރިވަރުން، 1998 ވަނަ އަހަރު ފުރަތަމަފަހަރަށް ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނުގައި ބައިވެރިވިއެވެ. ހުސައިން އަބްދުﷲ އަކީ އަތޮޅުތެރޭގެ ތަޢްލީމީ ފެންވަރު ދަށް ރަށްރަށުން ކުދިން މަރޮށްޓަށް ގެންނަވައިގެން، އަމިއްލަފުޅު ޚަރަދުގައި އެކުދިންނަށް ކިޔަވައިދެއްވި ބޭފުޅެކެވެ. އަދި އަތޮޅުތެރޭގައި ތިބި ބައެއް ނިކަމެތި ޢާއިލާތަކުގެ ކުދިންނަށްވެސް އަމިއްލަފުޅު ޚަރަދުގައި ކިޔަވައިދެއްވިއެވެ.
27 އަހަރު ސްކޫލް ހިންގެވުމަށްފަހު، ސްކޫލްގެ ޢިމާރާތްތައް ޒަމާނީ ފެންވަރަށް އަމިއްލަފުޅު ޚަރަދުގައި ހުސައިން އަބްދުﷲ ބަދަލުކުރެއްވިއެވެ. އަދި ސަރުކާރުން ހިންގަވާ ސްކޫލަކަށް ބަދަލުކޮށްދެއްވުމަށް ސަރުކާރުގައި އެދިވަޑައިގަތުމާ ގުޅިގެން، މަދްރަސަތުލް މުނައްވަރާއަކީ، ސަރުކާރުގެ މަދަރުސާއެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައެވެ.
އެމަނިކުފާނުގެ ތަޢްލީމީ ޚިދްމަތުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ، އަތޮޅުގެ ކޮންމެ ރަށަކުން ކުއްޖަކާއި، ބިލެތްފަހިންނާއި މަރޮށިން، ދެކުދިން ޤުރްއާން ހިތުދަސްކޮށް، ޤާރީކަމުގެ ސަނަދު ހޯދުމަށް ޕާކިސްތާނަށް ފޮނުއްވި ފޮނުއްވުމެވެ. އޭގެ އިތުރުން، ރާއްޖެއިން ބޭރަށް ތަޢްލީމު ހާސިލުކުރުމަށް ދިޔުމަށް ބައެއް ކުދިންނަށް އެހީތެރިކަންވެސް ދެއްވިއެވެ. އޭގެތެރެއިން ބައެއް ކުދިން މަދީނާ ޔުނިވަރސިޓީންނާއި، ރިޔާޒު ޔުނިވަރސިޓީން ތަޢްލީމު ހާސިލުކުރިއެވެ.
މަރޮށީ ޙުސައިން ކަލޭފާނުގެ ޚިދްމަތް ފެނިފައިވަނީ، ހަމައެކަނި ތަޢްލީމީ ދާއިރާއަކުން ނޫނެވެ. އިޖްތިމާޢީ، އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީގައިވެސް އެމަނިކުފާނަކީ އެފަދަ ދެވަނައެއްނުވާ ޚިދްމަތްތެރިއެކެވެ. އެގޮތުން، މަރޮށީގައި ކަރަންޓުގެ ޚިދްމަތް ދިނުމަށް، ރަށުގެ ޖަމްޢިއްޔާއިން ކުރަމުން އައި މަސައްކަތަށް ނުހަނު ބޮޑު ހޭދައެއް ކޮށްދެއްވިއެވެ. އަދި ސަރުކާރުން މަރޮށީގައި ހައްދަވައިދެއްވި ބަނދަރުގެ މަސައްކަތް ރައްޔިތުން ކުރަމުން ދިޔައިރު، ބޮޑެތި އެހީތަކެއް ވެދެއްވާފައިވެއެވެ. މީގެއިތުރުން، އަތޮޅުގެ ގިނަ ރަށްތަކެއްގައި އެމަނިކުފާނުވަނީ މިސްކިތްތައް ބިނާކޮށްދެއްވާފައެވެ.
ޖަމާޢަތަށް ފައިދާހުރި ޚާއްޞަ ޚިދްމަތް ކުރެއްވުމުގެ ރޮނގުން 1992 ވަނަ އަހަރު ޙުސައިން ޢަބްދުﷲ އަށް ވަނީ ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު، ސަރުކާރުން އަރުވާފައެވެ. އަދި އޭގެ 13 އަހަރު ދުވަސްފަހުން، 2005 ވަނަ އަހަރު މިރޮނގުން ޝަރަފުވެރިކަމުގެ އިނާމުވެސް އެމަނިކުފާނަށް ސަރުކާރުން ވަނީ އަރުވާފައެވެ. މީގެ އިތުރުން 2011 ވަނަ އަހަރު ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތް ވެސް ޙުސައިން ޢަބްދުﷲ އަށް ވަނީ އަރުވާފައެވެ.

