ސިންގަޕޫރަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި، މި ދަތުރުފުޅާއެކު ދެ ޤައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވިފައިވާކަން ޔަޤީން ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް ކުރެއްވި މި ދަތުރުފުޅާ ގުޅޭގޮތުން މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ދެމަފިރިކަނބަލުންނަށާއި ސަރުކާރުގެ ވަފްދަށް ސިންގަޕޫރުގެ ރައީސް ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގް އާއި އެޤައުމުގެ ރައްޔިތުން ދެއްވި ހޫނު މަރުހަބާއަށާއި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
މި ދަތުރުފުޅުގެ ތެރޭގައި ދެ ޤައުމު ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެވިފައިވެއެވެ. މިގޮތުން ތިމާވެށީގެ ދާއިރާއާއި، ދެމެހެއްޓެނިވިކަމާއި މަތީ ތަޢުލީމާއި އަދި ފަންނީ ދާއިރާތަކުން ތަމްރީނު ފުރުސަތު ފަހިކޮށްދިނުމާ ގުޅޭ ފަހުމުނާމާތަކުގައި ސޮއިކުރެވުނެވެ. އަދި ސިންގަޕޫރުގެ ކޯޕަރޭޝަން އެންޓަޕްރައިޒާ ގުޅިގެން ޤާބިލިއްޔަތުކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކުގެ ތެރެއިން ޢިލްމީ ދަތުރުތަކުގެ ފުރުސަތު ފަހިކުރުމަށްވެސް އެއްބަސްވެވުނެވެ.
ދަތުރުފުޅުގެ ތެރޭގައި ބޭއްވުނު ސިންގަޕޯރ-މޯލްޑިވްސް ބިޒްނަސް ފޯރަމްގައި 250 އަށްވުރެ ގިނަ ވިޔަފާރިވެރިން ބައިވެރިވެފައިވާކަމަށް ރައީސް މުއިއްޒު ފާހަގަކުރައްވައި، މި ފޯރަމްގެ ތެރެއިން ވިޔަފާރީގެ ގިނަ ފުރުސަތުތަކެއް ފަހިވެގެން ދިޔަކަމަށް ވިދާޅުވިއެވެ.
ރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ޤާއިމްވިތާ 50 އަހަރު ފުރޭ މި އަހަރު، މި ދަތުރުފުޅާއެކު ދެ ޤައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ދިއުމަށް މަގުފަހިވެގެންދާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.

