ފަސް އަހަރުގެ ކުޑަކުއްޖަކު ބަލަހައްޓަން ގެނައި އިންޑިއާ މެއިޑަކު އެ ކުއްޖާއަށް އަނިޔާކުރަމުން ދަނިކޮށް އެކަން ހާމަވުމާ ގުޅިގެން ފިލައިގެން ގޮސްފިއެވެ.
މި މައްސަލައިގައި ކުއްޖާގެ މަންމަ ސޯޝަލްމީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މެއިޑް ގެނައިތާ ދުވަސްކޮޅެއް ފަހުން ކުއްޖާ އުޅެން ފެށީ ބިރުވެރިކަމާއެކު ކަމަށެވެ. އަދި މެއިޑަށް ނިސްބަތްކޮށް "އައްޗި ދައްތަ" އޭ ކިޔަން ފެށިކަމަށް ވެސް މަންމަ ފާހަގަކޮށްފައިވެއެވެ.
ކުއްޖާއާ ސުވާލުކުރުމުން އަތުގެ އިޝާރާތުން ދައްކާފައިވަނީ މެއިޑް އޭނާގެ ކަރުގައި ހިފާ އަނިޔާކުރާ މަންޒަރެވެ. މިކަން އިތުރަށް ބެލިބެލުމުން އެނގިފައިވަނީ މެއިޑް ރުޅިއައިސްގެން އުޅޭ ވަގުތުތަކުގައި ކުއްޖާގެ ކަރުގައި ހިފާ އަނިޔާކުރަމުން ގެންގޮސްފައިވާ ކަމަށެވެ.

ކުއްޖާއަށް އަނިޔާކުރި ކަމަށް އެމަންމަ ސޯޝަލްމީޑިއާ "އެކަނިވެރިމައިން" ޕޭޖު މެދުވރިކޮށް ހިއްސާކުރި ނަވްޖޯތު ގެ ތަސްވީރު
މި މައްސަލަ ހާމަވުމާއެކު މެއިޑް ވަރަށް ބޮޑަށް ރުޅިއައިސް، ގޭގެ ބަދިގެ ތެރެއަށް ތެލާއި ރީނދޫ އަޅާ ހަޑިކުރުމަށްފަހު ފިލައިގެން ގޮސްފައިވާކަން ކުއްޖާގެ މަންމަ ފާހަގަކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހެޅުމުން، ޖެންޑަރ މިނިސްޓްރީ މެދުވެރިކޮށް މައްސަލަ ބެލުމަށް ފުލުހުން އެދިފައިވެއެވެ. ނަމަވެސް އެ މެއިޑަކީ އޭނާގެ ނަމުގައި ރާއްޖޭގައި ހުރި މީހެއް ނޫންކަން އެނގުމާއެކު، އެއީ ޤާނޫނީ މައްސަލައެއްކަމަށް ފުލުހުން ފާހަގަކޮށްފައިވާ ކަމަށް ކުއްޖާގެ މަންމަ ބުނެފައިވެއެވެ.
މި މައްސަލަ އާންމުކޮށްފައިވަނީ އެހެން ފަރާތްތަކުން މިފަދަ މެއިޑުންނާމެދު ސަމާލުވުމަށް އިންޒާރެއްގެ ގޮތުގައި ކަމަށް ކުއްޖާގެ މަންމަ ބުނެފައިވެއެވެ. އަދި މެއިޑްގެ ވަނަވަރާއި ފޮޓޯ ވެސް ވަނީ އާންމުކޮށްފައެވެ.

