މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ތަރައްޤީކުރާ ފުރަތަމަ އާންމު ބަލީގެ ކްލިނިކް މިމަހު ހުޅުވާނެކަމަށް އެ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ. މަފަންނު ކޮރަލް ބޮލެވަރޑްގައި ހުންނަ ޢިމާރާތެއްގައި ހުޅުވުމަށް ހަމަޖެހިފައިވާ މި ކްލިނިކަކީ، މާލެ ސަރަޙައްދުގައި ޤާއިމުކުރުމަށް ރޭވިފައިވާ 4 ކްލިނިކުގެ ތެރެއިން ފުރަތަމަ ކްލިނިކެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ސީއީއޯ ޙަލީމް ވިދާޅުވި ގޮތުގައި، “އަޅުގަނޑުމެންނަށް އެޕޮއިންޓްމަންޓަށް ރިކުއެސްޓްކުރައްވާ ގިނަ ބޭފުޅުން އަންނަނީ ރިފަރަލް ނިޒާމެއްގެ ތެރެއިނެއް ނޫން. އެހެންވީމަ އެކަމަށް ހައްލެއް ގެނެވިއްޖިއްޔާ ސީދާ ދައްކަންޖެހޭ ޑޮކްޓަރަށް ރިފަރކުރެވިގެން އައިމަ މިކަމަށް ހައްލެއް އަންނާނެކަމަށް މިބަލަނީ.”
ޓެލެމެޑިސިންގެ ޚިދުމަތްވެސް ތަޢާރަފު ކުރަނީ
މީގެއިތުރުން، ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް އިތުރަށް ފަސޭހަކުރުމަށްޓަކައި ޓެލެމެޑިސިންގެ ޚިދުމަތްވެސް ތަޢާރަފުކުރުމަށް ވަނީ ރޭވިފައެވެ. މި ޚިދުމަތާއެކު، އަތޮޅުތަކުން މާލެއަށް ޑޮކްޓަރަށް ދައްކަން އަންނަ ފަރާތްތަކަށް ފުރަތަމަ އޮންލައިން ކޮންސަލްޓޭޝަނަށްފަހު ހަދަންޖެހޭ ޓެސްޓުތައް ހެދުމަށްފަހު އެއާއެކު ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
ސިއްޙަތާ ބެހޭ ވުޒާރާއާއި ބައެއް އަތޮޅުތަކުގައި ސިއްޙީ ޚިދުމަތްދޭ ތަންތަނާ ގުޅިގެން މިވަގުތު މި ނިޒާމު ޓެސްޓުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މި ނިޒާމާއެކު އަތޮޅުތަކުން ޑޮކްޓަރަށް ދެއްކުމަށް މާލެއައިސް ކުރަންޖެހޭ ހޭދަ ބޮޑުތަނުން ލުއިވެ، ޚިދުމަތް ފަސޭހަވެގެންދާނެކަމަށް ހޮސްޕިޓަލުން ފާހަގަކުރައްވައެވެ.
މި އައު ނިޒާމުގެ ދަށުން، ސްޕެޝަލިސްޓުން ނުވަތަ ސުޕަރ ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކޭނީ ޖީޕީ ކްލިނިކް ނުވަތަ އާންމު ބަލީގެ ކްލިނިކްތަކުން ރިފަރ ކުރުމުންނެވެ. މި ޚިދުމަތް ދިނުމުގައި ބޭނުންކުރަނީ އެންމެ ފަހުގެ ޒަމާނީ ވަޞީލަތްތައްކަން ހޮސްޕިޓަލުން ވަނީ ފާހަގަކުރައްވާފައެވެ.

