ޖަލުތަކުގައި ތިބި ގައިދީންގެ އާއިލާތަކުގެ ތެރެއިން ހާލުގައި ދިރިއުޅޭ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ މިއަދު ބައްދަލުކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު އާއި އެކު ކަރެކްޝަނަލް ސަރވިސްގެ ސީނިއަރ މެނޭޖްމަންޓުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޒަކާތު ހައުސްއިން ހާމަކުރި ގޮތުގައި، މި ޚާއްޞަ އެހީ ފޯރުކޮށްދޭ ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ޖަލުގައި ތިބޭ ޤައިދީންގެ ޢާއިލާތަކުގެ ތެރެއިން ހާލަތު ދަށް ޢާއިލާތަކަށް، ކަރެކްޝަނަލް ސަރވިސްގެ ކޯޕަރޭޓް ސޮސައިޓީ މެދުވެރިކޮށް ވެދެވެން ހުރި އެހީތެރިކަން ދެނެގަނެ، އެ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މީގެއިތުރުން، ގައިދީންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ކަރެކްޝަނަލް ސަރވިސްއާ ގުޅިގެން ޒަކާތު ހައުސްއިން ފޯރުކޮށްދެވިދާނެ އިތުރު ކަންކަމާ ގުޅޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.
ޒަކާތު ހައުސްއަކީ މިހާރުވެސް ދިރިއުޅުމުގެ ހާލަތު ދަށް އެތައް އާއިލާތަކަކަށް ޒަރޫރީ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިންގާ ސަރުކާރުގެ އިދާރާއެކެވެ. އެ އިދާރާގެ އެންމެ މުހިންމު މަޤުޞަދަކީ ޒަކާތުގެ ހައްޤުވެރިންނަށް ފަސޭހަކަމާއި އަވަސްކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.

