ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ލައިބްރަރީތައް ޤާއިމްކުރުމަށް ބޭނުންވާ 60،000 ފޮތް ބޭރު ޤައުމެއްގެ ޔުނިވަރސިޓީއަކުން ހަދިޔާ ކުރުމަށް ނިންމައިފި އެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ގޮތުގައި، މި ފޮތްތައް ހަދިޔާ ކުރާނީ ދިއްދޫ، އުނގޫފާރު، ތިނަދޫ އަދި އައްޑޫ އިސްލާމިކް ސެންޓަރުތަކުގެ ލައިބްރަރީތަކަށާއި، އަތޮޅުތަކުގައި އަލަށް ޤާއިމްކުރެވޭ އެހެނިހެން އިސްލާމީ ލައިބްރަރީތަކަށެވެ.
މި މަޝްރޫޢުގެ ދަށުން، މިހާރު ހުޅުވިފައިވާ މަރުކަޒުތަކުގައި ލައިބްރަރީ ޤާއިމްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ވަޒީރު ވިދާޅުވި އެވެ. އަތޮޅުތަކުގެ އިސްލާމީ މަރުކަޒުތަކުގައި ލައިބްރަރީ ޤާއިމްކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއް ކަން ފާހަގަކޮށްލެވެ އެވެ.
މީގެ އިތުރުން، މާލޭގައި ޤާއިމްކުރެވޭ އިސްލާމީ ލައިބްރަރީ ސަލްމާން މިސްކިތުގައި ޤާއިމްކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އިސްލާމީ މަޢުލޫމާތު ފަސޭހައިން ލިބޭނެ މަގު ތަނަވަސްވެގެންދާނެ އެވެ.

