އެންޑޯމެޓްރިއޯސިސް ފަރުވާއަށް މި އަހަރުގެ މިހާތަނަށް، 14 މީހަކަށް 1 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިކަން ހީނާ ހާމަކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައެވެ. އެއީ ސިއްޙީ ޚިދުމަތްތައް ލިބިގަތުމުގައި އާންމުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް މަޖިލީހުން ކޮށްދެވޭނީ ކޮންކަންތައްތަކެއްކަން ބެލުމަށް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި މައްސަލައާ ގުޅިގެން ބޭއްވުނު ބައްދަލުވުމެކެވެ.
ހީނާ ވިދާޅުވި ގޮތުގައި މި ސަރުކާރުން ކުރެވުނު މަސައްކަތުން އެންޑޯމެޓްރިއޯސިސްއަކީ ބައްޔެއްކަމުގައި ބަލައި، މިދިޔަ އަހަރުން ފެށިގެން މި ބައްޔަށް ފަރުވާ ހޯދުމަށް އާސަންދައިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވެއެވެ. އަދި މި ބައްޔަށް ފަރުވާ ހޯދުމަށް އާސަންދައިގެ ދަށުން ބަލިމީހުން ރާއްޖެއިން ބޭރަށް ވެސް ފޮނުވައިފައިވާ ކަމަށާއި، އެންސްޕާގެ މެޑިކަލް ވެލްފެއާގެ ދަށުން ވެސް މި ބަލީގެ ފަރުވާއަށް ހަރަދު ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“މި އަހަރުގެ ޖެނުއަރީން ފެށިގެން ޖޫން މަހުގެ ނިޔަލަށް 14 ފަރާތަކަށް 1 މިލިއަން ރުފިޔާގެ އެހީތެރިކަމެއް ހާއްސަކޮށް މި ފަރުވާގެ އެކިއެކި ކަންކަމަށް މިހާރު ވެސް ހޭދަކުރެވިފައި އެބަހުރި،” ހީނާ ވިދާޅުވިއެވެ.
އިތުރު ކުރިއެރުމެއްގެ ގޮތުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގެ ދަށުން އެންޑޯމެޓްރިއޯސިސްއަށް ހާއްސަ ކްލިނިކެއް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި މިހާރު ވަނީ ގާއިމުކޮށްފައެވެ. މި ކްލިނިކުން ހަފްތާއަކު އެއްފަހަރު މި ބަލީގެ ބަލިމީހުންނަށް ޚިދުމަތް ފޯރުކޮށްދެމުން ގެންދެއެވެ.

