ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ލިބޭނެ ދުވަސް ނޭނގުމުގެ މައްސަލައަށް ހައްލު ހޯދުމަށް އައު އެޕޮއިންޓްމަންޓް ސިސްޓަމެއް ތަޢާރަފުކުރަން މަސައްކަތް ކުރަމުންދާ ކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން މިއަދު ހާމަކޮށްފިއެވެ.
މި މައްސަލައާ ގުޅޭގޮތުން މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ ބައްދަލުވުމުގައި މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޑެޕިއުޓީ ސީއީއޯ ޑރ. ޝާހު މާހިރު ވިދާޅުވި ގޮތުގައި މިހާރު ހަތަރު ޑިޕާޓްމަންޓެއްގައި މި އައު އެޕޮއިންޓްމަންޓް ސިސްޓަމް ވަނީ ތަޢާރަފުކޮށްފައެވެ. އަދި މި އަހަރު ނިމުމުގެ ކުރިން ހުރިހާ ޑިޕާޓްމަންޓަކަށް މި ސިސްޓަމް ތަޢާރަފުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
“މިހާރު ވެއްޖެއްޔާ މި އޮންނަނީ ކިއު ނަންބަރެއް. އޭނާއަށް ޑޮކްޓަރަށް ދެއްކޭނީ ކޮން ދުވަހަކުން ކަމެއް އަދި އެނގޭ ކަހަލަ ގޮތަކަށް ނޫން ގިނަ ޑިޕާޓުމެންޓުތަކުގަ ހުންނާނީ. ހަތަރު ޑިޕާޓުމެންޓެއް އެޕޮއިންޓުމެންޓު ސިސްޓަމަށް. އެއީ އެޕޮއިންޓުމެންޓު ލިބޭނެ ދުވަހާއި ގަޑިޔާ އެނގޭ ގޮތަށް ދުރާލައި ތަރުތީބުވެގެން އަންނަ ގޮތަށް،” ޑރ. ޝާހު ވިދާޅުވިއެވެ.
މީގެ އިތުރުން، ހޮސްޕިޓަލުން ދޭ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ކިއު ދިގު ޑިޕާޓްމަންޓްތަކުގެ އޯޕީޑީ ރޭގަނޑުވެސް ކުރިއަށް ގެންދިއުމަށް ފަށާފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ. އަދި މާލޭގައި ޖީޕީ ކްލިނިކްތައް ގާއިމުކުރުމުގެ މަސައްކަތްވެސް ފަށާފައިވާއިރު، މިމަހު ތެރޭގައި ފުރަތަމަ ޖީޕީ ކްލިނިކް ހުޅުވޭނެ ކަމަށް ހާމަކުރިއެވެ.
ޑރ. ޝާހު އިތުރަށް ވިދާޅުވި ގޮތުގައި، ފޮލޯއަޕް ބަލިމީހުންނަށް ޚާއްސަ ކިއުއެއް ބޭއްވުމާއި، ސީރިއަސް ހާލަތްތަކުގައި ހުންނަ ބަލިމީހުންނަށް އިސްކަންދިނުން ފަދަ ޚާއްސަ އިންތިޒާމުތައް މިހާރުވެސް ހަމަޖެހިފައިވެއެވެ. އަދި އައު ޖީޕީ ކްލިނިކްތަކުން ބަލިމީހުންނަށް ސީދާ ސްޕެޝަލިސްޓުންނަށް ރިފަރކޮށް، އެޕޮއިންޓްމަންޓް ހަމަޖައްސައިދެވޭނެއެވެ.

