ރަށްރަށުން މާލެ އައިސް ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން ޓެލެމެޑިސިންގެ ހިދުމަތް ތައާރަފުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން މިއަދު މާލިއްޔަތު ކޮމެޓީގައި މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ މި ޚިދުމަތް ފަށާނީ ޓެކްނޮލޮޖީގެ ގޮތުން ފެންވަރު ރަނގަޅު ހިދުމަތްތަކާއެކު ކަމަށެވެ. މިކަމާ ގުޅޭގޮތުން އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރު ޑރ. އައިމިނަތު ޒޭބާ އަހުމަދު ވިދާޅުވެފައިވަނީ ޓެލެމެޑިސިންގެ ޚިދުމަތާއެކު ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދެއްކުމަށް އެޕޮއިންޓުމެންޓު ހޯދުމުގެ ކަންކަން ހައްލުވާނެ ކަމަށެވެ.
ޑރ. ޒޭބާ ވިދާޅުވި ގޮތުގައި މި ސިސްޓަމާއެކު ރިޕޯޓުތައް ޑޮކްޓަރަށް ދައްކަން ބަލިމީހާ މާލޭގައި މަޑުކުރަން ނުޖެހޭނެއެވެ. އަދި ޓެލެމެޑިސިން މެދުވެރިކޮށް އައިޖީއެމްއެޗުގެ ސްޕެޝަލިސްޓުންނަށް ދެއްކޭނެއެވެ. “ރަށްރަށުން ވަޑައިގެން ޑޮކްޓަރަށް ދެއްކުމަށް ފަހު، ޓެސްޓެއް ހަދާފައި ފަސް ދުވަސް ފަހުން އަނެއްކާ ރިވިއު ކުރަން ނުދެއްކިގެން އުޅުމުގެ މައްސަލައަށް ވެސް ވަރަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ ޓެލެމެޑިސިންގެ ހިދުމަތް ފެށުމުން،” ޑރ. ޒޭބާ ވިދާޅުވިއެވެ.
މި ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ރީޖަނަލް ހޮސްޕިޓަލުތަކުގައި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ގިނަ ފީޗާތައް ހިމެނޭ ޓެލެމެޑިސިން ސިސްޓަމްތައް ބަހައްޓައި، މި ހަފުތާގެ ތެރޭގައި އޭގެ ޓެސްޓިން ބުރުތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އައިޖީއެމްއެޗުން މައުލޫމާތު ދެއްވާފައިވެއެވެ.
ސަރުކާރުން މިހާރު އަންނަނީ ހދ. ކުޅުދުއްފުއްޓާއި ފ. ނިލަންދޫގައި ޓެލެމެޑިސިންގެ ހިދުމަތް ފަށަން ތައްޔާރުވަމުންނެވެ. އެގޮތުން ފ. ނިލަންދޫގައި ޓެލެމެޑިސިންގެ ޚިދުމަތް ދިނުމަށް ބޭނުންވާ ސިސްޓަމް މިހާރު ވަނީ އެއްކޮށް ނިމިފައެވެ.

