ދިވެހި ރާއްޖެއިން ސްވިޓްޒަލޭންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. ސަލްމާ ރަޝީދު އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ސްވިސް ކޮންފެޑެރޭޝަންގެ ރައީސް، ކަރިން ކެލަ-ޒުޓަރއަށް އަރުވައިފިއެވެ. މި ރަސްމިއްޔާތު ބޭއްވިފައިވަނީ ސްވިޓްޒަލޭންޑްގެ ވެރިރަށް ބަރންގައި ހުންނަ ފެޑަރަލް ޕެލަސްގައެވެ.
ފަތްކޮޅު އެރުވުމަށްފަހު، ސަފީރު ޑރ. ސަލްމާ ރަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި ދިވެހި ރައްޔިތުންގެ ނަމުގައި ސްވިސް ކޮންފެޑެރޭޝަންގެ ރައީސަށާއި ސްވިސްގެ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ދިވެހިރާއްޖެ އާއި ސްވިޓްޒަލޭންޑާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް ހަރުދަނާކުރުމުގައި އިތުރު އަހަންމިއްޔަތުކަމެއް ދެއްވައިގެން މަސައްކަތްކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.
މި ބައްދަލުވުމުގައި ސްވިސް ކޮންފެޑެރޭޝަންގެ ރައީސް ވަނީ ސަފީރުކަމުގެ ފަތްކޮޅު އެރުވުމުން، ޑރ. ސަލްމާ ރަޝީދަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖެ އާއި ސްވިޓްޒަލޭންޑާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި އެ ޤައުމުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި، ސަފީރު ޑރ. ސަލްމާގެ އަރިހުގައި ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ ކައުންސެލަރ، އާދަމް ހާމިދު ބައިވެރިވެވަޑައިގެންނެވިއެވެ.
ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، ޑރ. ސަލްމާ ރަޝީދަކީ، ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުވެސް މެއެވެ.

