އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން މެންބަރުން އެންމެ ގިނަ ޕާޓީއަކަށް އޮތީ 68،665 މެންބަރުންނާއެކު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ކަން ހާމަވެއްޖެއެވެ.
ކޮންމެ 6 މަހަކުން އެއްފަހަރު އާންމުކުރަންޖެހޭ މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި،
- މެންބަރުން އެންމެ ގިނަ ޕާޓީއަކަށް އޮތީ 68،665 މެންބަރުންނާއެކު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)
- ދެވަނައަށް އެންމެ ގިނަ މެންބަރުން ތިބީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، އެ ޕާޓީގައި މިވަގުތު ތިބީ 43،765 މެންބަރުން
- ޖުމްހޫރީ ޕާޓީގައި 13،456 މެންބަރުން،
- މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގައި 9،011 މެންބަރުން
- އަދާލަތު ޕާޓީގައި 8،844 މެންބަރުން
އީސީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރާ ގުޅޭ މައްސަލަތައް މިހާރު ވަނީ ހުއްޓިފައެވެ. އަދި ޕާޓީތަކަށް ވަނުމާއި ވަކިވުމުގެ އިތުރުން، ސިޔާސީ ޕާޓީއެއްގައި ނޫޅޭކަމުގެ ލިޔުންވެސް މިހާރު ދޫކުރަނީ އެ ކޮމިޝަނުގެ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށެވެ.
2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ޖުމުލަ 27 މިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން
- އެންމެ ބޮޑު އަދަދެއް ޕީއެންސީއަށް؛ 13.3 މިލިއަން ރުފިޔާ
- އެމްޑީޕީއަށް 8.4 މިލިއަން ރުފިޔާ
- ޖުމްހޫރީ ޕާޓީއަށް 2.6 މިލިއަން ރުފިޔާ
- އެމްޑީއޭއަށް 1.7 މިލިއަން ރުފިޔާ
- އަދާލަތު ޕާޓީއަށް 1.7 މިލިއަން ރުފިޔާ
އީސީން ފާހަގަކުރައްވާފައިވާ ގޮތުގައި، އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ފައިސާ ދޫކުރުމަށް ނިންމާފައިވަނީ ގާނޫނާއި ގަވާއިދާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާގެ ތެރެއިން ނުލިބިހުރި 70 ހާސް ރުފިޔާ އުނިކުރުމަށް ފަހުގައެވެ.

