ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް އެ ގައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު މާލެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ ސިންގަޕޫރުގެ ރައީސް ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގްއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ.
ދަތުރުފުޅުގެ ތެރޭގައި، ގާބިލުކަން އިތުރުކުރުމާއި، ތިމާވެށީގެ ތަރައްގީ އަދި ތަޢުލީމީ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭ އެކި ފަހުމުނާމާތަކުގައި ސޮއިކުރެވުނެވެ. މީގެ އިތުރުން، ސިންގަޕޯ ކޯޕަރޭޝަން އެންޓަޕްރައިޒްއާއެކު ފަހުމުނާމާއެއްގައި ސޮއިކުރެވި، ރެޒިޑެންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމާއި ޕްރޮޖެކްޓް ސޯލާ ސިޓީ އިންވެސްޓްމަންޓާ ގުޅޭ އެއްބަސްވުންތަކުގައިވެސް ވަނީ ސޮއިކުރެވިފައެވެ.
ރާއްޖެއާއި ސިންގަޕޫރާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި، ދެ ގައުމުގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި އެކުލަވާލެވިފައިވާ ޚާއްސަ ފޮތެއް ރައީސް ވަނީ ސިންގަޕޫރުގެ ރައީސަށް ހަދިޔާކުރައްވާފައެވެ. އަދި މި މުނާސަބަތާ ގުޅޭ ހަނދާނީ ސްޓޭމްޕެއްވެސް ވަނީ އިފްތިތާޙްކުރެވިފައެވެ.
ދަތުރުފުޅުގެ ތެރޭގައި ބޭއްވުނު މޯލްޑިވްސް-ސިންގަޕޯރ ބިޒްނަސް ފޯރަމްގައި، ދެ ގައުމުގެ ގުޅުން ހަރުދަނާކުރުމަށް މަސައްކަތްކުރި ފަރާތްތަކުގެ އަގުވަޒަންކުރެވި، 2040 ވަނަ އަހަރަށް ދިވެހި ސަރުކާރުން ދެކޭ ތަސައްވުރާ ގުޅޭ ވިޔަފާރީގެ ފުރުސަތުތައް ހިއްސާކުރެވުނެވެ. އަދި ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާއެކު ބައްދަލުވުމެއް ބާއްވައި، އެ ގައުމުގެ މުހިންމު މުއައްސަސާތަކަށް ޒިޔާރަތްކުރެއްވިއެވެ.
ރައީސް އޮފީހުން ބުނީ، މިއީ ރައީސް މުޢިއްޒު ސިންގަޕޫރަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅުކަމަށާއި، މި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެތައް ދޮރުތަކެއް ހުޅުވިގެންދިޔަ މުހިންމު ދަތުރުފުޅެއް ކަމަށެވެ.

