މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ގިނަ ދާއިރާތަކަކަށް ވާދަކުރާނެ ކަމަށް އެ ޕާޓީގެ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އިއުލާން ކުރައްވައިފިއެވެ.
މެންބަރު އައްބާސް މިކަން ހާމަކުރައްވާފައިވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީއޭއިން ގިނަ ދާއިރާތަކަކަށް ވާދަކުރާއިރު، ޕާޓީގެ ކޮންމެ މެންބަރަކަށް ވެސް ވާދަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، އިންތިޚާބަށް ތައްޔާރުވުމަށް ޓަކައި، އެކި ދާއިރާތަކަށް އެ ޕާޓީގެ ފަރާތުން ވަރަށް އަވަހަށް ދަތުރުތައް ފަށާނެކަން ވެސް އައްބާސް ކުރި ޕޯސްޓުގައިވެއެވެ.
އެމްޑީއޭއަކީ އަބަދު ވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރަމުންދާ، ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އިސްކުރާ ޕާޓީއެއްކަން އައްބާސް ފާހަގަކޮށްފައިވާއިރު، އެއީ ރައްޔިތުންގެ ހައްގުގައި ބަސްބުނެ، ވަކާލާތު ކުރާނެ ހަރުދަނާ ސިޔާސަތެއްގެ މައްޗަށް ހިނގަމުންދާ ސިޔާސީ ޕާޓީއެއް ކަމަށް އައްބާސް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގައެވެ.

