މި ސަރުކާރު އައިއިރު މަސްތުވާތަކެތި ބޭނުންކުރާ މީހުން ރިމާންޑު ކުރާނެ އެއްވެސް ނިޒާމެއް ޤާއިމުކުރެވިފައި ނެތްކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއަރޕާސަން ލުބުނާ ޒާހިރު ވިދާޅުވެއްޖެއެވެ. އެންޑީއޭގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ލުބުނާ ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ރިމާންޑަށް ދައުލަތުގެ ބެލުމުގެ ދަށަށް ނަގަނީ އެ ފަރާތްތަކާއި މުޖުތަމަޢުގެ ރައްކާތެރިކަމަށް ކަމަށެވެ.
ލުބުނާ ވިދާޅުވިގޮތުގައި މިއީ ޤާނޫނުގައިވެސް ހިމެނޭ ކަމެއް ކަމަށާއި، ނަމަވެސް މި ސަރުކާރު ހަވާލުވިއިރު މަސްތުވާތަކެތި ބޭނުންކޮށްގެން މަގުމަތީގައި އުޅޭ މީހުން ރިމާންޑަށް ނެގޭނެ އެއްވެސް ނިޒާމެއް ގާއިމުވެފައި ނެތެވެ. އެންޑީއޭއިން ރިމާންޑަށް ނަގާ ފަރާތްތަކަށް ވަގުތުން ޑިޓޮކްސިފިކޭޝަން ފަރުވާތައް ފަށާކަމަށާއި ނަފްސާނީގޮތުން ދޭންޖެހޭ ފަރުވާތައްވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
“އެމީހުން ހަމައެކަނި 30 ދުވަސް ނިންމައި އެތަނުން ޗެކައުޓް ވެގެން ދިއުމެއް ނޫނޭ ބޭނުމަކީ. ލޯންގް ޓަރމް ރިހެބިލިޓޭޝަން ފަރުވާގެ ސިސްޓަމް ތެރެއަށް އެ މީހުން ވައްދައި، އެ މީހުންނަށް ރަނގަޅު ފަރުވާއެއް ދީ، އެ މީހުންނަކީ އަޅުގަނޑުމެންގެ މުޖުތަމަޢަށް އަލުން އަނބުރާ ރީއިންޓަގްރޭޓް ވާއިރު ސަކްސަސްފުލީ ރީއިންޓަގްރޭޓް ކުރެވިދާނެ ބައެއްގެ ގޮތުގައި ހެދުމަށް،” ލުބުނާ ވިދާޅުވިއެވެ.
އެންޑީއޭގެ ޗެއަރޕާސަން ހާމަކުރެއްވި ގޮތުގައި މިހާތަނަށް 269 މީހަކު ރިމާންޑަށް ނަގާފައިވެއެވެ. މީގެ ތެރެއިން 70 ޕަސެންޓް މީހުން ރެޒިޑެންޝަލް ފަރުވާގެ ނިޒާމުގެ ތެރެއަށް ވެއްދިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އާންމުކޮށް ރިމާންޑަށް ނަގަނީ މަގުމަތީގައި މަސްތުވާތަކެތި ބޭނުންކުރަން އުޅޭ މީހުންނާއި، ކުޑަކުދިން ދިރިއުޅޭ ގޭގޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހަކު އުޅޭނަމަ އެކަން އާއިލާތަކުން ރިޕޯޓުކުރާ ފަރާތްތަކެވެ.
ފަރުވާގެ ނިޒާމް ހަރުދަނާކުރުމަށް ހިންމަފުށީގެ ރިހެބިލިޓޭޝަން ސެންޓަރުގައި ހުންނަ ޑިޓޮކްސިފިކޭޝަން ސެންޓަރު ބޮޑުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެތަނުގެ ޖާގަ އިތުރުވެ އެއްފަހަރާ 50 މީހުންނަށް ފަރުވާދެވޭނެއެވެ. އަދި ހުޅުމާލޭގައި ގާއިމުކުރަމުން އަންނަ ރިމާންޑް ސެންޓަރާއެކު އެތަނުގައި އެއްފަހަރާ 100 އެއްހާ މީހުންނަށް ފަރުވާ ދެވޭނެކަމަށްވެސް އެންޑީއޭގެ ޗެއަރޕާސަން ލުބުނާ ޒާހިރު ވިދާޅުވިއެވެ.

