ހެންވޭރު ގެޔެއްގެ ފުރާޅު މައްޗަށް ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ޒުވާނުން ކުރި މުޒާހަރާތަކުގައި އިސްކޮށް އުޅުނު އަބްދުﷲ މަހުޒޫމް މާޖިދު އާއި އައިޝަތު ޝިމަންގެ މައްޗަށް ދައުވާ ކޮށްފިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ނ. ކުޑަފަރި، ބަގީޗާގެ، ޢަބްދުﷲ މަޙްޒޫމް މާޖިދުއާއި، މ. ހަަސްތީ، ޢާއިޝަތު ޝިމަން އަޙްމަދު، 1 މޭ 2025 ދުވަހުގެ ރޭގެ ވަގުތެއްގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފަށް މަޖީދީމަގަށް އެއްވެ، އަޑުގަދަކޮށް، މުޒާހަރާކޮށް، އާންމު ދަތުރުފަތުރު ކުރުމަށާއި އާންމު ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ، ފުލުހުންގެ ދަޢުރު އަދާކުރުމަށް ހުރަސްއަޅައި ފުލުހުންނަށް ހަމާލާދީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ދައުވާ ކުރުމަށް 25 ޖޫން ގައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ޒުވާނުންގެ މުޒާހަރާގެ ތެރެއިން މަހުޒޫމް އާއި ޝިމަން ހައްޔަރުކޮށް ތިން ދުވަހަށް ބަންދުވެސް ކުރިއެވެ. ނަމަވެސް ފަހުން ވަނީ އެ ދެ މީހުން ދޫކޮށްލާފައެވެ.
ސިލްސިލާ ގޮތެއްގައި ޒުވާނުން މާލޭގައި ކުރި މުޒާހަރާ އަކީ މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު އުސް އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ކުރި މުޒާހަރާތަކެކެވެ.

