މާލޭގެ ގެއެއްގައި މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި އައްޑޫ ސިޓީއަށް ނިސްބަތްވާ 48 އަހަރުގެ ފިރިހެނަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މާލޭގެ ގެއެއްގައި މީހަކު ހުއްދަނޫން ގޮތެއްގައި ހިފަހައްޓައި، އަނިޔާކުރާ ކަމުގެ މައްސަލައެއް އިއްޔެ ވަނީ ފުލުހުންނަށް ހުށަހެޅިފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ތަހުގީގަށްފަހު، އައްޑޫ ސިޓީ ފޭދޫ ސުވާސާގެ އިބްރާހިމް ސައީދު (މީހުންގެ މެދުގައި އިބްރާހިމް ސައީދަށް ކިޔައިއުޅެނީ މަދިރާއިއްބެ) (48 އަހަރު) ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި، ރަހީނުކޮށްގެން ގެންގުޅުނު 44 އަހަރުގެ ދިވެހި ފިރިހެނާއަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާ ހޯދުމަށްޓަކައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.
މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ. އަދި މި މައްސަލައިގެ އިތުރު ތަފްސީލް އަދި ހާމަކުރައްވާފައެއް ނުވެއެވެ.

