ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް ހުޅުވުމަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ހިމަނައިގެން ވީއައިއޭގެ މައި މަގުތައް އެއްވަރުކުރުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ފަށައިފިއެވެ.
އެމްއޭސީއެލްގެ ފެސިލިޓީސް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ރޯޑް އެންޑް އެއަރފީލްޑް މެއިންޓަނަންސް ސެކްޝަނުން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން، މިހާރު ބޭނުންކުރާ މަގުތައް އެއްވަރުކުރުމަށް އިތުރު ތާރު ފަށަލައެއް އެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ.
މި މަސައްކަތް ކުރިއަށްދާނީ ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ކަމަށާއި، ސައިޓުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށްގެންދާނީ އަންނަ ހޯމަ ދުވަހާ ހަމައަށް، ކޮންމެ ދުވަހެއްގެ ރޭގަނޑު 9:00 އިން ހެނދުނު 6:00 އަށް ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ. އަދި މި މަސައްކަތްތައް އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ނިންމުމަށް ވަނީ ރޭވިފައެވެ.
އެއަރޕޯޓްގެ އެއްގަމު ދަތުރުތަކަށް ދަތިނުވާނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސައިގެން ކުރިއަށްގެންދާ މި މަސައްކަތުގައި، ޓްރެފިކް ބެލެހެއްޓުމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެމްއޭސީއެލްގެ އެސްޓޭޓް ސެކިއުރިޓީ ސަރވިސްގެ މުވައްޒަފުން ހަރަކާތްތެރިވާނެއެވެ. މީގެއިތުރުން ދަތުރުކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަގު ބަންދުކޮށްފައިވާ ކަމުގެ ނިޝާންތަކާއި ފާހަގަތަކާއި ބެރިއާތައްވެސް ބަހައްޓާފައި ހުންނާނެ ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
އައު ޓަރމިނަލް ހުޅުވުމާ ގުޅިގެން، ޓަރމިނަލް ބޭނުންކުރާ ފަރާތްތަކަށް ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ވަނީ ރޭވިފައެވެ. އެގޮތުން އެއްގަމު ދަތުރުތަކާއި ކަނޑު ދަތުރުތަކަށް ފަސޭހަކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ.

