ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް ފެނާއި ނަރުދަމާގެ ޚިދުމަތް ގުޅުމުގެ މަސައްކަތް މިއަދު ވަނީ ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި، މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ވުޒާރާގެ ފަރާތުން ސްޓޭޓް މިނިސްޓަރ އަލީ ފާރިސް ޔޫސުފާއި، ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އާރިފެވެ.
13.8 މިލިއަން ރުފިޔާއަށް ހަވާލުކުރެވުނު މި މަސައްކަތް 8 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 13،809،463.64 ރުފިޔާއެވެ.
ވިލުފުށީގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ފުރަތަމަ ހަވާލުކުރެވުނީ 2011 ވަނަ އަހަރު ނޫމަޑި ކުންފުންޏާއެވެ. ނަމަވެސް އެ މަޝްރޫޢު ނުނިމި ދިގުލައިގެން ދިއުމާ ގުޅިގެން، ފަހުން އެ މަސައްކަތް ނިންމުމަށް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކުރެވުނެވެ.
އަމީން ކޮންސްޓްރަކްޝަނުން މިހާރު ވަނީ ހައުސިންގ ޔުނިޓްތަކުގެ އިމާރާތްކުރުމުގެ މަސައްކަތް ނިންމާފައެވެ. އަދި މިހާރު ފެނަކައާ ހަވާލުކުރެވުނު ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމުން، ރައްޔިތުންނަށް މި ޔުނިޓްތަކުގެ ބޭނުން ފުރިހަމައަށް ކުރެވޭނެއެވެ.

