އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އިގްތިސާދީ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަދު މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ. މިގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އިންޑިއާގެ ކޮމާސް ސެކްރެޓަރީ ސުނިލް ބާރްތުވާލް ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓް ޕާޓްނާޝިޕްތައް ހަރުދަނާކުރުމާއި، އިގްތިސާދީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އައު ފުރުސަތުތައް ހޯދުމާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށް މިނިސްޓަރު ސައީދު ވަނީ “އެކްސް” މެދުވެރިކޮށް ހާމަކުރައްވާފައެވެ.
މި ބައްދަލުވުން ބޭއްވެނީ ދެ ގައުމުގެ ދެމެދު އިގްތިސާދީ ގުޅުން އިތުރަށް ވަރުގަދަވަމުން އަންނަ ދަނޑިވަޅެއްގައެވެ. މީގެ ދެ ހަފްތާ ކުރިން އިންޑިއާއިން ވަނީ ރާއްޖޭގެ އާމްދަނީ އިތުރުވެ، ބޭރު ފައިސާގެ ރިޒާވް ރަނގަޅުވެފައިވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ވެވުނު ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ސަބަބުން ކަމަށް ފާހަގަކޮށްފައެވެ.
2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާ ދެމެދު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް ވެވުނެވެ. މި އެއްބަސްވުމުގެ ދަށުން އެމްއެމްއޭއަށް 400 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރުން 30 ބިލިއަން އިންޑިއަން ރުޕީސްގެ އަދަދާ ހަމައަށް އެކި ފަހަރު މަތިން ސްވޮޕް ނެގުމުގެ ފުރުސަތު ލިބިގެންދެއެވެ.
ސަރުކާރުން މިހާރު ދަނީ މެދުރާސްތާގެ މާލީ އަދި ދަރަނީގެ ސްޓްރެޓެޖީތައް އެކުލަވާލަމުންނެވެ. މި މަސައްކަތުގެ މައިގަނޑު އަމާޒަކީ އުފެއްދުންތެރިކަން އިތުރުކޮށް އިންވެސްޓްމަންޓް މާހައުލު ރަނގަޅުކުރުމަށް ގެނެވޭ ސްޓްރަކްޗަރަލް އިސްލާހުތަކުގެ އެހީގައި ދައުލަތުގެ ދަރަނި ދަށަށް ގެނައުމެވެ.

