މާލެ އަތޮޅު ދިއްފުށީގައި ސްޓެލްކޯއިން ޤާއިމުކުރާ އައު އިންޖީނުގޭގެ މަސައްކަތް މިމަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ. މި އިންޖީނުގެއަކީ ސްޓެލްކޯގެ ހަޔާތުގައިވެސް އެންމެ އަވަހަށް މަސައްކަތް ނިންމާ އޮޕަރޭޝަނަށް ގެނެވޭނެ އިންޖީނުގެކަމަށް ވެއެވެ.
ދިއްފުށީ ސްޓޭޝަން މެނޭޖަރ ހުސެއިން ޝާކިރު ދެއްވި މަޢުލޫމާތުގައި، މި އައު އިންޖީނުގެ ތަރައްޤީކޮށްފައިވަނީ 30,000 އަކަފޫޓުގެ ބިމެއްގައި ކަމަށާއި، މިހާރު ހުރި އިންޖީނުގެއާ އަޅާބަލާއިރު 3 ގުނައަށްވުރެ އިތުރަށް ކަރަންޓު އުފެއްދޭނެކަމަށް ވިދާޅުވިއެވެ.
"ކުރީގަ އަޅުގަނޑުމެން އިންޖީނުގޭގެ ކެޕޭސިޓީއަކީ 2200 ކިލޯވޮޓް. ދެން މިހާރު އަޅުގަނޑުމެން މިތަނަށް ބަދަލުވީމަ މިއީ 7 މެގަ. އޭއީ ގާތްގަނޑަކަށް 3 ގުނަ އިތުުރު އަަދަދެއް،" ޝާކިރު ވިދާޅުވިއެވެ.

މާލެ އަތޮޅު ދިއްފުށީގައި ސްޓެލްކޯއިން ޤާއިމުކުރާ އައު އިންޖީނުގެ
މި އައު އިންޖީނުގެއަކީ އުސްކޮށް އިމާރާތްކުރެވިފައިވާ، ވެންޓިލޭޝަން ރަނގަޅު އަދި މަސައްކަތުގެ މާހައުލު ރައްކާތެރި ތަނެއްގެ ގޮތުގައި ތަރައްޤީކުރެވޭ އިންޖީނުގެއެކެވެ. 7 މެގަވޮޓްގެ މި އިންޖީނުގޭގައި 5 ބެޑު ހިމެނޭއިރު، ކޮންމެ ބެޑަކީވެސް 1.6 މެގަވޮޓްގެ އިންޖީނެއް ބެހެއްޓޭނެ ބެޑެކެވެ.
2024 ވަނަ އަހަރުގެ ޖޫން މަހުގައި ފެށުނު މި މަޝްރޫޢުގެ މަސައްކަތް އެންމެ 8 މަސްދުވަހުގެ ތެރޭގައި ނިމިގެންދާއިރު، ތުލުސްދޫގައި ޤާއިމްކުރާ އައު އިންޖީނުގޭގެ ކަސްޓަމަރ ސަރވިސް ބިލްޑިންގގެ މަސައްކަތްވެސް މިހާރުދަނީ ކުރިއަށެވެ. ތުލުސްދޫގެ އިންޖީނުގޭގެ މަސައްކަތް ހަވާލުކޮށްފައިވަނީ 11.9 މިލިއަން ރުފިޔާއަށް ސަންވިލް ޕްރައިވެޓް ލިމިޓެޑާއެވެ.

