އެމެރިކާގެ 249 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ރައީސް ޑޯނަލްޑް ޓްރަމްޕަށާއި ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.
ރައީސް ޑޮނާލްޑް ޓްރަމްޕަށް އެ ތަހުނިޔާ ފޮނުއްވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ފާހަގަކުރެއްވީ، މި ޚާއްޞަ ދުވަހުގައި އެމެރިކާގެ ވެރިންނަށާއި ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރި ތަހުނިޔާއެއް އަރިސްކުރައްވާ ކަމަށެވެ. ހަމައެއާއެކު، އެމެރިކާގެ ރައްޔިތުންނަށް ދާއިމީ މިނިވަންކަމާއި، ތަރައްޤީއާއި ކާމިޔާބީ ލިބިގެންދިޔުމަށް ދުޢާކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެ ޕޯސްޓްގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ ތާ އަބަދަށް އެމެރިކާއަށް މިނިވަން ކަމާއި ކުރިއެރުމަށް އެދޭ ކަމަށެވެ.
އެމެރިކާގެ މިނިވަން ދުވަސް ފާހަގަކުރަނީ، 1776 ވަނަ އަހަރު އޭރު އިނގިރޭސި ރަސްކަމުގެ ދަށުގައި އޮތުމުން ދާޚިލީ ހަނގުރާމައަކަށްފަހު ވަކިވެގަނެ ޖުލައި މަހުގެ 4 ވަނަ ދުވަހު މިނިވަންކަމުގެ މުޢާޚަދާ ތަސްދީޤު ކުރި ދުވަހުގެ ގޮތުގައެވެ.
މިވަގުތު އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރަކީ ހޫގޯ ޔޫ-ހޯ ޔޮންއެވެ. ސަފީރު ޔޮން ވަނީ މީގެ ކުރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ދެކެ ލޯބިވާ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

