ދުނިޔެ ބަވަނަވެފައިވާ މި ދުނިޔޭގައި އިޤުތިޞާދީ މުޢާމަލާތްތަކުގައި ރިބާގެ ބައިވެރިވުމުން ދުރުހެލިވުމަކީ ކޮންމެ މުސްލިމަކަށް ލާޒިމު ކަމެއްކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއަކީ ހަލާލް ގޮތުގައި މާލީ މުޢާމަލާތް ކުރުމެވެ.
ހުތުބާގައި ރިބާގެ ނުރައްކާތެރިކަމާއި، އިސްލާމީ ޝަރީޢަތާ އެއްގޮތްވާ ގޮތުގެމަތިން މާލީ މުޢާމަލާތްތައް ހިންގުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ
ހުތުބާގައި ފާހަގަކުރެވުނު މުހިންމު ނުކުތާތަކުގެ ތެރޭގައި، މީގެ ކުރިން ރިބާ ހިމެނޭ ލޯނުތަކާއި އިންޝުއަރެންސް ނަގަން މަޖުބޫރުވާ ހާލަތްތައް ދިމާވި ނަމަވެސް، މިއަދު މާތް ﷲގެ ރަޙުމަތާއެކު އިސްލާމީ އުޞޫލުން ޚިދުމަތްދޭ ބޭންކުތަކާއި ތަކާފުލް ކުންފުނިތައް ދިވެހިރާއްޖެއާއި މުޅި ދުނިޔޭގައި ތަޢާރަފުވެފައިވާކަން ފާހަގަކުރިއެވެ. ރިބާއާއި ޖުވާ ނުހިމެނޭ ގޮތަށް ފައިސާގެ މުޢާމަލާތްތައް ހިންގާ ބޭންކުތަކާއި މުއައްސަސާތައް ނުހިންގޭނެ ކަމަށް ބަޔަކު ދުށް ޒަމާން މިއަދު ވަނީ މާޒީވެފައެވެ.
މިއަދު މުސްލިމް ޤައުމުތަކުގެ އިތުރަށް، އެހެން ޤައުމުތަކުގައި ވެސް އިސްލާމީ ޝަރީޢަތް ހުއްދަކުރާ ގޮތަށް ފައިސާ ރައްކާކުރުމާއި، ފައިސާގެ މުޢާމަލާތްތައް ހިންގޭނެ ބޭންކުތަކާއި މުއައްސަސާތައް ވަނީ ކާމިޔާބުކަމާ އެކު ހިންގާން ފަށައިފައެވެ. އޭގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާއާއި، ކުވައިތާއި ޤަޠަރާއި، މެލޭޝިޔާއާއި ޕާކިސްތާނާއި، މިޞްރާއި، ޔޫއޭއީއާއި ބަޙްރެއިނާއި ސޫދާނާއި އީރާނާއި އިންޑޮނޭޝިޔާއާއި، އިނގިރޭސިވިލާތާއި ޔޫރަޕުގެ ކިތަންމެ ޤައުމެއް ހިމެނޭކަމަށް ހުތުބާގައި ބަޔާންކުރިއެވެ.
ހުތުބާގައި އިތުރަށް ބަޔާންކޮށްފައިވަނީ، އިސްލާމީ ޝަރީޢަތް ހުއްދަކުރާ ގޮތަށް މާލީ މުޢާމަލާތްތައް ކުރެވެން ނެތް ކަމަށް މިއަދު ނިންމޭކަށް ނެތް ކަމަށެވެ. މިއަދު އިސްލާމީ ޝަރީއަތާ އެއްގޮތަށް މާލީ މުޢަމަލާތު ހިންގޭނެ މަގު ތަނަވަސްވެފައިވާއިރު، އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ފައިސާގެ މުޢާމަލާތްތައް ކުރުމަކީ ދެ ދުނިޔޭގެ ކާމިޔާބީއާއި ފަލާޙު މިންވަރުކުރައްވާނޭ ގޮތްކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ރިބާގެ ނުރައްކާތެރިކަމުގެ މައްޗަށް އަލިއަޅުވައި، ހުތުބާގައި ވަނީ ރިބާއަކީ ޙަރާމްކުރައްވައިފައިވާ ހަލާކުކުރަނިވި “ބޮޑެތި ހަތް ފާފައިގެ” ތެރޭގައި ހިމެނޭ ކަމެއްކަން ހަނދާންކޮށްދީފައެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. މާނައީ: “ތިޔަބައިމީހުން ހަލާކުކުރަނިވި ބޮޑު ހަތް ފާފައިން ދުރުވާށެވެ.” ދެންނެވުނެވެ: “ﷲގެ ރަސޫލާއެވެ. އެއީ ކޮން ކަންތައްތަކެއްތޯއެވެ؟” ޙަދީޘްކުރެއްވިއެވެ: “މާތް ﷲއާ ޝަރީކުކުރުމާއި، ސިޙުރުހެދުމާއި، ﷲ ޙުރުމަތްތެރިކުރެއްވި ނަފުސެއް ޙައްޤަކާނުލައި މެރުމާއި، ރިބާކެއުމާއި، ޔަތީމުންގެ މުދާކެއުމާއި، ހަނގުރާމައިގެ މައިދާނުން ފިލަންދުވުމާއި، ފާފަކުރުމުގެ ވިސްނުމެއްވެސް ނެތް ޢިއްފަތްތެރި މުއުމިނު އަންހެނުންގެ މައްޗަށް ޒިނޭގެ ތުހުމަތުކުރުމެވެ.”
ހުތުބާގައި އިތުރަށް ބަޔާންކުރައްވާފައިވަނީ، ރިބާ ކާމީހާ ފާފަވެރިވާ ފަދައިން، އެކަމުގައި ޝާމިލުވާ އެހެނިހެން މީހުންވެސް ފާފަވެރިވާ ކަމަށެވެ. މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ: “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! އެކަލާނގެއަށް تقوى ވެރިވުން حق ވެގެންވާ ގޮތުގައި ތިޔަބައިމީހުން اللّه އަށް تقوى ވެރިވާށެވެ! އަދި مسلم ކަމުގައިވާ حال ގައި މެނުވީ، ތިޔަބައިމީހުން، މަރުނުވާހުށިކަމެވެ!”
އިސްލާމް ދީނުގައި އަޅުކަންތަކަށް އިސްކަން ދީފައިވާ ފަދައިން، މުޢާމަލާތުގެ ބަޔަށް ވެސް ވަނީ އިސްކަންދީފައެވެ. އެހެންކަމުން އިންސާނާގެ ޙަޔާތުގައި ދޭދޭ ފަރުދުންގެ މެދުގައި ކުރެވޭ ތަފާތު މުޢާމަލާތުތަކާ މެދު ފަރުވާތެރިވާން ޖެހޭކަމަށް ހުތުބާގައި ހަނދާންކޮށްދިނެވެ. މި ގޮތުން، މާލީ މުޢާމަލާތުތަކަކީ، އެ ކަމާ މެދު އިންތިހާއަށް ވިސްނަންޖެހޭ ކަމެކެވެ.
ބަވަނަވެފައިވާ ދުނިޔެއެއްގައި މުޅި އިޤުތިޞާދު، ހުޅަނގުގެ ފަލްސަފާގެ މައްޗަށް ބިނާކުރެވިފައި އޮތް އިރު މާލީ މުޢާމަލާތުތަކުގެ ތެރޭގައި ހިމެނޭ އިސްލާމްދީނުގައި ޙަރާމްކުރައްވައިފައިވާ ކަންކަމުން ސަލާމަތްވާން ޖެހޭނެކަން ހުތުބާގައި ބަޔާންކުރިއެވެ. މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ: “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ﷲއަށް ތިޔަބައިމީހުން، ތަގުވާވެރިވާށެވެ؟ އަދި، ތިޔަބައިމީހުން މުއުމިނުން ކަމުގައިވާ ނަމަ، ތިބާގެ ތެރެއިން ބާކީ ލިބޭން ހުރި އެއްޗެއް ތިޔަބައިމީހުން ދޫކޮށްލާށެވެ. ފަހެ، ތިޔަބައިމީހުން ރިބާ އަތްލާގޮތަށް ޢަމަލުކޮށްފި ނަމަ، ﷲގެ ބަނާއި އެކަލާނގެ ރަސޫލާގެ ފަރާތްޕުޅުން ހަނގުރާމައެއް އަތުވެދާނެ ކަމަށް ތިޔަބައިމީހުން، ޔަޤީންކޮށް ދެނެގަންނާ ހުށިކަމެވެ؟ ތިޔަބައިމީހުން ރިބާ ދޫކޮށް، އެނބުރި ރަޖޫޢުވެ ތައުބާވެއްޖެ ނަމަ، ތިޔަބައިމީހުންގެ ރައުސުލްމާލުތައް، ފަހެ، ތިޔަބައިމީހުންނަށް ހުއްޓެވެ. އިތުރުކޮށްގެން ތިޔަބައިމީހުން އަނިޔާވެރިނުވާ ގޮތުގައެވެ. އަދި، އުނިވުމުން ތިޔަބައިމީހުންނަށް ވެސް އަނިޔާނުލިބޭ ގޮތުގައެވެ.”
އެހެންކަމުން، އިސްލާމީ އުޞޫލުތަކާ އެއްގޮތަށް މާލީ މުޢާމަލާތްތައް ހިންގުމަށް ހުތުބާގައި ވަނީ މުޅި މުޖުތަމަޢަށް ގޮވާލާފައެވެ. ކެއުމުގައި ހަލާލު ތަކެތި ހޯދުމަށް އިސްކަންދޭ ގޮތަށް އެތަކެތި ގަތުމަށް ބޭނުންކުރާ ފައިސާ އަކީ ވެސް ހަލާލް ގޮތުގައި ހޯދާ ފައިސާ ކަމުގައި ހެދުމަށް މިއަދުގެ ހުކުރު ހުތުބާގައި ވަނީ ބުނެފަ އެވެ.
މިއަދުގެ ހުތުބާ ވެސް ނިންމާލީ ރަސޫލާއަށް ސަލަވާތް ކިޔުމަށް ނަސޭހަތްތެރިވެ ސަލަވާތް ކިޔަމުންނެވެ.

