ދަރުބާރުގޭގެ ގޯތިތެރޭގައި ހުންނަ ޓްރާންސްފޯމަރަކުން ކަރަންޓު ނަރު ބުރިކޮށްގެން ވައްކަން ކުރި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ ފިރިހެނެއް ހައްޔަރުކޮށްފައިވާއިރު، އޭނާގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފިއެވެ.
އޭނާގެ ބަންދު އަމުރުގައި އޭނާ ދަރުބާރުގޭގެ ގޯތިތެރޭގައި ހުންނަ ޓްރާންސްފޯމަރަކުން ކަރަންޓު ނަރު ބުރިކޮށް ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނެފައިވީނަމަވެސް އޭނާ ވަނީ އެތަނުގައި ހުރީ ރައްޓެއްސަކު ބުނެގެން ކަމަށް ބުނެފައެވެ. އެހެންނަމަވެސް އޭނާ އެތަނުގައި ހުރީ އޭނާ އެކަންޏެވެ.
އަދި އޭނާ ކަރަންޓު ނަރު ބުރިކުރަން ހުއްޓާ ފެނިގެން އޭނާ ހުއްޓުވަން އުޅުމުން ފިލަން މަސައްކަތް ކޮށްފައިވާއިރު، އެ ސަރަހައްދުގައި ތިބި އާއްމުންގެ އެހީތެރިކަމާއެކު އޭނާ ހުއްޓުވާފައި ކަމަށްވެސް ބަންދުގެ އަމުރުގަައި ވެއެވެ. އަދި ކުށުގެ ވެށިން ކަޓަރާއި ރެންޗެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
އޭނާއަކީ ތަކުރާރުކޮށް މި ބާވަތުގެ ކުށްތަކުގައި މީގެ ކުރިން ހައްޔަރުކޮށްފައިވާ މީހެއް ކަން އޭނާގެ ކުށުގެ ރިކޯޑުން ހާމަވެއެވެ. އެގޮތުން 2021،2023،2024 ގައި ތަކުރާރުކޮށް ވައްކަމުގެ މައްސަލަތަކުގައި އޭނާ ހައްޔަރުކޮށް، ބަންދުކޮށްފައި ވެއެވެ.

