ހުވަދޫ އަތޮޅުގައި މަސްތުވާތަކެތީގެ މައްސަލަތައް ކުރިއާއި އަޅާބަލާއިރު މިހާރު ވަރަށް ބޮޑުތަނުން ރަނގަޅު ކަމަށް ގއ ވިލިނގިލީ އިންޗަރޖް ގެ ގޮތުގައި މަސައްކަތް ކުރައްވާ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު މައުރޫފް ވިދާޅުވެއްޖެއެވެ.
މައުރޫފް މިފަދައިން ވިދާޅުވީ ތިނަދޫ ސިޓީގެ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ގިރިންދާގެ ފުރަތަމަ ޓޯކް ޝޯވގައި ވާހަކަ ދައްކަވަމުންނެވެ.
މައުރޫފް ވިދާޅުވީ ކުރީގައި ހުވަދޫ އަތޮޅުގެ ރައްތަކުގައި މަސްތުވާތަކެތީގެ މައްސަލަތައް ވަރަށް ބޮޑު ކަމަށާއި، އެގޮތުން ދާންދޫ އާއި ވިލިގިލީގައި ވެސް އެހާމެ މަސްތުވާތަކެތީގެ މައްސަތައް ބޮޑު ކަމަށެވެ. އެހެންކަމުން ހައްލުކުރަން ދަތި އިޖުތިމާއީ އެތަށް ކަމެއް ހިނގާ ކަމަށެވެ. ނަމަވެސް މިހާރު ގިރިންދާ ޖަމިއްޔާގެ އެހީތެރިކަމާއެކު ހުވަދޫ އަތޮޅުގެ ރަށްރަށުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ޕްރޮގްރާމްތައް ހިނގުމުގެ ސަބަބުން މަގުމަތީގައި މަސްތުވާތަކެތީގެ ހާލަތުގައި ތިބޭ މީހުން މަދުވެއްޖެ ކަމަށެވެ.
ގއ. ގަންދޫގައި ހާއްސަކޮށް މަސްތުވާތަކެތީގެ ތިޕޯޓްތައް ފުލުހަށް ހުށަހެޅުން ވަނީ ބޮޑުތަނުން މަދުވެފަ ކަމަށް މައުރޫފް ވިދާޅުވިއެވެ
އިސްޕެކްޓަރ މައުރޫފް ވިދާޅުވީ ރައްޔިތުންނަށް ހަމަޖެހިލައިގެން އުޅެލެވޭ ވަރަށް ތަހުޒީބު ވެއްޖެ ކަމަށާއި، އަދި ކުރިއާއި އަޅާބަލާއިރު، ހާލަތު ރަނގަޅުވެއްޖެ ކަމަށެވެ.
މީގެ ކުރިން ހުވަދޫ އަތޮޅުގެ ބައެއް ރަށްރަށުގައި މީހުން މަސްތުވާތަކެތި ބޭނުން ކޮށްގެން މަގުމަތީގައި އުޅެ، މީހުންނަށް އުނދަގޫކޮށް އުޅުނު ކަމަށާއި، ނަމަވެސް މިހާރު އެކަހަލަ މަންޒަރެއް ނުފެންނަ ކަމަށާއި، އަދި ވައްކަން ކުރުމާއި މީހުންނަށް އުނދަގޫ ކުރުން ވެސް މިހާރު މަދުވެފައިވާ ކަމަށް ވެސް މައުރޫފް ވަނީ ވިދާޅުވެފައެވެ.
މައުރޫފް އިތުރަށް ވިދާޅުވީ ގިރިންދާއިން ކުރާ މަސައްކަތަކަކީ ހުވަދޫ އަތޮޅު ފުލުހުންނާއި ކައުންސިލްތަކުން ވެސް ވަރަށް ބޮޑަށް ބަލައިގަންނަ މަސައްކަތް ތަކެއް ކަމަށާއި، ގިރިންދާގެ މަސައްކަތުން ސާބިތުވެގެން ގޮސްވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް އަޅާލުމާއި އޮގާތެރިކަމާއެކު ކުރިޔަށް ގެންދުން ކަމަށެވެ.

