ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ބޯޓުތަކުގައި ޕަވަރ ބޭންކުތައް ބޭނުން ނުކުރެވޭ ގޮތަށް އުސޫލު ބަދަލުކޮށްފައިވާ ކަމަށް އެއެއަރލައިނުން ހާމަކޮށްފިއެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އެވިއޭޝަނުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއީ އިންޓަނޭޝަނަލް ސިވިލް އެވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އާއި އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އަދި ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީގެ މިންގަނޑުތަކަށް ތަބާވުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށެވެ.
އައު އުސޫލުގައި މައިގަނޑު 7 ކަމެއް ހިމަނާފައިވެއެވެ. އެއެއަރލައިނަކީ ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ މިންގަނޑުތަކާއި އެއްގޮތަށް މިފަދަ އުސޫލްތަކެއް ތަޢާރަފްކުރި ދިވެހިރާއްޖޭގެ ފުރަތަމަ އެއަރލައިން ކަމަށް އެއަރލައިނުން ވަނީ ބުނެފައެވެ.
މޯލްޑިވިއަންއިން ޢަމަލުކުރަން ފެށި 7 އުސޫލު:
- ކޮންމެ ދަތުރުވެރިއަކަށް ގެންދެވޭނީ 2 ޕަވަރ ބޭންކް
- ޕަވަރ ބޭންކުގެ ކެޕޭސިޓީ 100 ވަޓް-އަވާ އަށް ވުރެ އިތުރުވެގެން ނުވާނެ
- ފްލައިޓު މަތީ ޕަވަރ ބޭންކް އޮންނަން ވާނީ އަތުގައި، ނުވަތަ ސީޓު ޖީބުގައި ނުވަތަ ސީޓު ދަށުގައި
- ޕަވަރ ބޭންކް ލަގެޖް ތެރޭގައި ފޮނުވުން މަނާ، އަދި ފްލައިޓުތެރޭ ކަލިވަތްތަކުގައި ބޭއްވުންވެސް މަނާ
- ފްލައިޓުތެރޭ ޕަވަރބޭންކް ބޭނުންކޮށްގެން ޗާޖު ކުރުން ނުވަތަ ޕަވަރ ބޭންކް ޗާޖުކުރުން މަނާ
- ޕަވަރ ބޭންކުގެ ކަރަންޓު ކޮޅެއް ހާމައަށް ނުވަތަ ކަރަންޓު މައްސަލައެއް ދިމަވެދާނެ ގޮތަށް އޮވެގެން ނުވާނެ
- ހުރިހާ ޕަވަރ ބޭންކެއްވެސް އދ.ގެ ކަރަންޓު ސާމާނުގެ މިންގަނޑުތަކަށް ފެތެންވާނެ
މި އާ އުސޫލަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.
ޕަވަރ ބޭންކުތައް ދަތުރުމަތީ ގެންދިއުމުގެ އުސޫލު މޯލްޑިވިއަންއިން ހަރުދަނާ ކޮށްފައިވާއިރު، މިހާރުވެސް ޕަވަރ ބޭންކް ނުވަތަ ބެޓަރި ހުރި އެއްޗެއް ލަގެޖުގެ ގޮތުގައި ދޫކުރުމަކީ މަނާ ކަމެކެވެ. އެފަދަ ތަކެތި ގެންދެވެނީ އަތްދަބަހުގައެވެ.

