މަސްތުވާތަކެއްޗާ ދެކޮޅަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖަންސް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ޖުލައި މަހުގެ 2 ވަނަ ދުވަހު މާލޭގައެވެ. މި އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައި ވަނީ ށ. ކޮމަންޑޫ / ސާތީ، ހުސައިން ޝާނިމު (24 އަހަރު) އެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، ޝާނިމު ހައްޔަރު ކުރުމަށް ފަހު އޭނާއާ ގުޅުންހުރި ތިން ތަނެއް ބަލައި ފާސްކޮށްފައިވެއެވެ. މި ތަންތަން ބަލައި ފާސްކުރުމުގައި 338.51 ގްރާމްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްސާއި، ރާއްޖެއަށް އެތެރެކުރުން މަނާ ބޭހުގެ 32 ގުޅަ ވަނީ ފެނިފައެވެ.
މައްސަލައާ ގުޅިގެން ޝާނިމުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފަސް ދުވަހުގެ މުއްދަތަށް ޕޮލިސް ކަސްޓޯޑިއަލްގައި ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައިގެ ތަޙުޤީޤު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ކުރިއަށް ގެންދަމުންނެވެ.

