މި މަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް ތައްޔާރުވަމުންދާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ފަސިންޖަރު ޓާމިނަލްގައި ބޭނުންކުރާނެ ފަސިންޖަރު ބޯޑިން ބްރިޖުތައް އޮޕަރޭޓްކުރުމަށް މުވައްޒަފުން ތަމްރީނުކޮށްފިއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބްރިޖުތަކަކީ ރައްކާތެރިކަމާއެކު މަތިންދާބޯޓުން ޓާމިނަލްއަށް ފޭބުމަށް ގުޅާލެވޭ ބްރިޖުތަކެކެވެ. މި ބްރިޖުތަކުގެ ސަބަބުން ފަސިންޖަރުންނަށް ބަސް ބޭނުންނުކޮށް މަތިންދާބޯޓުން ސީދާ ޓާމިނަލަށް ވަދެވޭނެއެވެ. މިއީ ރާއްޖޭގައި އަލަށް ތަޢާރަފުކުރެވޭ ޚިދުމަތެކެވެ.
އެމްއޭސީއެލްއިން ހާމަކުރެއްވި ގޮތުގައި މިހާތަނަށް 46 މުވައްޒަފުން ވަނީ މި ބްރިޖުތައް އޮޕަރޭޓްކުރުމަށް ތަމްރީނުކޮށްފައެވެ. އޭގެ ތެރެއިން 14 މުވައްޒަފުން ތަމްރީނުކޮށްފައިވަނީ މެލޭޝިއާގައެވެ. މި ތަމްރީނުތަކުގެ މައިގަނޑު މަޤްޞަދަކީ މުވައްޒަފުން އިންޑަސްޓްރީގެ މިންގަނޑުތަކާއި އެންމެ ރަނގަޅު އުސޫލުތަކަށް އަހުލުވެރިކުރުވުމެވެ.
ތަމްރީނު ޕްރޮގްރާމުގެ ތެރޭގައި މުވައްޒަފުންނަށް ވަނީ ސިމިއުލޭޓަރ އެކްސަސައިޒްތަކެއްވެސް ފުރިހަމަކުރުވާފައެވެ. އެމްއޭސީއެލްގެ އަމާޒަކީ މެލޭޝިއާގައި ތަމްރީނު ފުރިހަމަކުރި މުވައްޒަފުން މެދުވެރިކޮށް އިތުރު މުވައްޒަފުން ތަމްރީނުކުރުމެވެ.
މިނިވަން ދުވަހާ ދިމާކޮށް ހުޅުވުމަށް ހަމަޖެހިފައިވާ އާ ޓާމިނަލްއަކީ ޒަމާނީ ވަސީލަތްތަކާއެކު މަތީ ފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދޭނެ ތަނަވަސް ޓާމިނަލެއް ކަމަށް އެމްއޭސީއެލްއިން ވިދާޅުވެފައިވެއެވެ. ޓާމިނަލް ހުޅުވުމުގެ ތައްޔާރީތަކުގެ ތެރެއިން މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތަށް ޚާއްޞަ އިސްކަމެއް ދެމުންދާކަން ފާހަގަކުރެވެއެވެ.

