ގދ. ރަތަފަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ފިނޭންސުން ހުޅުވާލައިފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރަތަފަންދޫގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅެއް ފުއްދުމުގެ ގޮތުން ކުރިއަށް ގެންދެވޭ މަޝްރޫޢެކެވެ.
މި މަޝްރޫޢަކީ ރަތަފަންދޫގެ ރައްޔިތުން ދިގު މުއްދަތެއް ވަންދެން އިންތިޒާރު ކުރަމުން އައި މަޝްރޫޢެކެވެ. “ކުޑަ އާބާދީއެއް އޮތް ނަމަވެސް އެ ރަށަށް ބޭނުންވާ ކަންކަމަކީ މުހިންމު ކަންކަން” ކަމަށް ވިދާޅުވެ، މިއަހަރުގެ ޖެނުއަރީ މަހު ރަތަފަންދޫއަށް ކުރެއްވި ޒިޔާރަތުގައި ރައީސް މުޢިއްޒު ވަނީ މި މަޝްރޫޢު ކުރިއަށް ގެންދެވޭނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.
މާލީ ވުޒާރާއިން މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ “ޑިޒައިން އެންޑް ބިލްޑް” އުސޫލުންނެވެ. މި މަސައްކަތުގެ ތެރޭގައި 221 މީޓަރުގެ ބޭރު ތޮށި ލުމާއި، ކަނޑިންމާ ބައްތި ހަރުކުރުމާއި، 21 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 312.7 މީޓަރުގެ ޖެޓީއެއް ހެދުމާއި، ބަނދަރު ސަރަޙައްދު ވެލި އެއްވަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 23 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އާ ހަމައަށް ހުޅުވާލެވިފައިވާއިރު، ބީލަން ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދުވެރިކޮށެވެ. އަދި ބިޑު ހުޅުވުން އޮންނާނީ 24 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކަމަށް މާލީ ވުޒާރާއިން ވަނީ އަންގަވާފައެވެ.
މި މަޝްރޫޢާ ގުޅޭ އިތުރު މަޢުލޫމާތު މާލީ ވުޒާރާގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.

